ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތަކީ އަދުލުއިންސާފު ގާއިމް ކުރުން ކަމަށް އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ފުދުންތެރިކަން ހުރި މިންރަކުން އަދުލުއިންސާފު ގާއިމް ކުރުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުން ނުލިބޭ މައްސަލައަށް އަލިއަޅުވާލައްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ މުސްތަގުބަލުގައި ފަނޑިޔާރަކަށް ވުމުގެ ފުރުސަތު ދިގުރަށު ސްކޫލް ކުދިންނަށް ވެސް އޮތްކަމަށް ވިދާޅުވި އެވެ.

ދިގުރަށު މެޖިސްޓްރޭޓް ކޯޓު އިމާރާތްކޮށްފައި ވަނީ ސުންބުލި ވަޑާންގެއާ ހަވާލުކޮށްގެން 1،152،396ރ. އަށެވެ.

މީގެއިތުރުން އިއްތަމަފަނޑިޔާރު އިއްޔެ ހަވީރު ވަނީ ފ. ބިލެތްދޫ އަށް ވަޑައިގެން އެރަށު މެޖިސްޓްރޭޓް ކޯޓު ވެސް ހުޅުއްވައި ދެއްވާފަ އެވެ.

ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތްކޮށްފައި ވަނީ އެރަށު ނިރޮޅުގޭ އަބްދުﷲ ޒުހުރީއާ ހަވާލުކޮށްގެން 999،998ރ. އަށެވެ.

ދިގުރަށާއި ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުން އައީ އެ ދެ ރަށުގެ ކައުންސިލް އިދާރާގެ ބައެއްގަ އެވެ.