މީހުންނަށް އަނިޔާކުރުން ހުއްޓުވުމަށް އޮންނަ އދ ގެ މަޖިލިސް، "ޓޯޗާ ޕްރެވެންޝަން ފޯރަމް"ގެ ނައިބު ކަމަށް ދިވެހިރާއްޖެ ހޮވިއްޖެ އެވެ.


ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ އާންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކުރިން ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ކުށްވެރިންނަށް އަނިޔާ ކުރަމުން އަންނަ ގައުމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެ ނަން ބައިނަލް އަގުވާމީ ދުނިޔޭގައި މިހާރު ބަދަލުވެފައިވާ ކަމަށެވެ.


 "އަޅުގަނޑު ކުރިން ދަންނަވާލިން ދިވެހިރާއްޖެ އިންތިހާބަކުން މޮޅުވި ވާހަކަ. އަނެއްކާ މިރޭ ދަންނަވާލަން ޖެހެނީ އަޅުގަނޑު މިތަނަށް އައުމުގެ ތިން ގަޑިއިރު ކުރިން އަނެއްކާ ވެސް ވަރަށް މަތީ މަޤާމެއް (ރާއްޖެއަށް) ލިބިއްޖެއޭ. އަޅުގަނޑުމެން މީގެ ކުރިން ދައްކަނީ ދިވެހިރާއްޖެއަކީ މީހުންނަށް އަނިޔާ ކުރުމުގެ މަގާމު ލިބިފައި އޮތް ގައުމެއް ކަމުގެ ވާހަކަ. ބަންދުގައި ތިބޭ މީހުންނަށް އަނިޔާ ކުރާތީ އެކަމުން ދަރަޖަ ލިބޭ ވާހަކަ. މިއަދު ދިވެހިރާއްޖެއަކީ ބަންދުގައި ތިބި މީހުންނަށް އަނިޔާކުރުން ހުއްޓުވުމަށް އޮތް މަޖިލީހުގެ ނައިބު ރައީސް" ޑރ. ޝަހީދު ވިދާޅުވި އެވެ.


‹އަޅުގަނޑު ކުރިން ދަންނަވާލިން ރާއްޖެ އިންތިހާބަކުން މޮޅުވި ވާހަކަ. އަނެއްކާ މިރޭ ދަންނަވާލަން ޖެހެނީ އަޅުގަނޑު މިތަނަށް އައުމުގެ ތިން ގަޑިއިރު ކުރިން އަނެއްކާ ވެސް ވަރަށް މަތީ މަގާމެއް ރާއްޖެއަށް ލިބުނު ވާހަކަ›


ޑރ. ޝަހީދު ވިދާޅުވީ މީޑިއާގެ މިނިވަންކަން ވެސް ޔޫރަޕްގެ ގައުމުތަކެކޭ އެއް ފެންވަރަކަށް ރާއްޖޭގައި މިހާރު އެބައޮތްކަމަށް ބައިނަލްއަގުވާމީ ދުނިޔެއިން މިހާރު ގަބޫލުކުރާ ކަމަށެވެ.


"އަޅުގަނޑު މިދިޔަ އަހަރު ދެންނެވިން ރައީސް ނަޝީދުގެ ޒައާމަތުގައި އޮތް މީޑިއާގެ މިނިވަންކަން ދުނިޔެ ބަލައިގެންފިއޭ ވިލާތުގެ ގައުމުތަކެކޭ އެއް ދަރަޖައަކަށް. އެއް އަހަރަށްފަހު މިއަދު އަޅުގަނޑަށް ރިޕޯޓު އައިސްފި އަދިވެސް ދުނިޔެ ގަބޫލުކުރަނީ ރާއްޖޭގައި މިއޮތް މީޑިއާގެ މިނިވަންކަމަކީ ވިލާތުގެ ގައުމުތަކުގައި އޮތް ފެންވަރުގެ މީޑިއާގެ މިނިވަންކަމެކޭ" މިޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވި އެވެ.


ނަމަވެސް ދިވެހިރާއްޖޭގެ މީޑިއާއަށް ފާޑު ވިދާޅުވަމުން ޑރ. ޝަހީދު ވިދާޅުވީ "މީޑިއާ މިނިވަން ވުމަކީ ސަރުކާރުގެ އުނގުން ފިލައިގެން ގޮސް މީހެއްގެ ޖީބަށް ވަނުމެއް ނޫން. މީޑިއާ އެބަޖެހޭ ކަމެއްގެ ދެ ފަރާތް ގެނެސް ދޭން."


ފޮރިން މިނިސްޓަރު ޑރ. ޝަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ ކަންތައްތަކުން ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖެ އާއި ރައީސުލް ޖުމްހުރިއްޔާގެ ގަދަރަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.


"އެހެންވީމާ ދަންނަވަން ޖެހޭނީ އެހާ ފަސޭހައިން ދުނިޔެ ސޭކު ވާނެކަމަށް ގަބޫލު ނުކުރައްވާށޭ. އެ ކުރާ ކަންކަމުން އެއްވެސް އަސަރެއް ރާއްޖޭގެ ގަދަރަކަށް ނުކުރޭ. ރައީސަށް ދުނިޔެ ކުރާ އިހުތިރާމަށް ކުޑަވެސް ބަދަލެއް ނާދޭ. ހަގީގަތުގަ އިތުރުވަނީ" ޝަހީދު ވިދާޅުވި އެވެ.


މިއަހަރު މޭ މަހު ދިވެހިރާއްޖެ އދ ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑިއަކަށް ވެސް އިންތިހާބުވެފަ އެވެ.  އެ ގޮނޑިއަށް ދިވެހިރާއްޖެ ހޮވުނީ 188 ގައުމުގެ ތެރެއިން 185 ގައުމަކުން ރާއްޖެއަށް ތާއީދު ކޮށްގެނެވެ.