ސިޔާސީ ފިކުރުތަކުގެ ތެރޭގައި މި ޤައުމު ފިތިފައި އޮވެގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ކ. ތުލުސްދުއަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގައުމު މާ މުހިންމު ކަމަށާއި ސިޔާސީ މީހުންގެ ދޭތެރޭގައި އޮތް ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރޭގައި، ޤައުމު ފިތިފައި އޮވެގެނެއް ނުވާނެ ކަމަށެވެ. އަދި ޤައުމަށް ގެންނަން ޖެހޭ ކުރިއެރުން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިފެހެއްޓިގެނެއް ނުވާނެ ކަމަށެވެ. ރައީސް އަދި ވިދާޅުވީ ތުލުސްދޫގެ ތަރައްގީގެ މަޝްރޫޢުތައް ނުހިންގައި ހިފެހެއްޓިފައި އޮތީ، ސިޔާސީ ގޮތުން އައި ބަދަލުތަކާ ގުޅިގެން ކަމަށެވެ.

"ރަށުގެ ރައްޔިތުންގެ ނިންމެވުމަކީ، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް. ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ފެންނަގޮތަށް، ރައްޔިތުން ކަންކަން ނިންމުމުން، އެކަމުގައި ދެން ޖެހޭނީ ސަރުކާރުން ވެސް އެހީތެރިވާން. ވަކި ފިކުރަކަށް ތާއީދުކުރާތީ، ވަކި ޕާޓީއަކަށް ތާއީދުކުރާތީ ނޫނީ ވަކި ޕާޓީއަކަށް ތާއީދު ނުކުރާތީ، ރަށަކަށް އަންނަން ޖެހޭ ތަރައްގީގެ މަޝްރޫޢުތައް ހިފެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ވަރަށްބޮޑު ޖަރީމާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ ތުލުސްދޫގައި ފަށަންހުރި ތަރައްޤީގެ މަޝްރޫޢުތައް ނުފައްޓައި ގަސްތުގައި ލަސްކޮށްފައި ހުރުމާ އެކު، އެ ރަށަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

ރާއްޖެ އަށް ފުދޭވަރެއްގެ އާމްދަނީއެއް ވަންނަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިވޭތުވެދިޔަ ތާނގައި، އިންތިޚާބަކާ ކުރިމަތިވާއިރަށް، ވަރަށްގިނަ ބޮޑެތި ކަންތައްތަކެއް ސަރުކާރުން ކުރަމުންގެންދާ ކަމަށާއި ބޮޑެތި ހޭދަތަކެއް ކުރަމުންގެންދާ ކަމަށެވެ. އަދި ލިބޭ އެއްޗަކަށް ވުރެ ގިނައިން ޚަރަދު ކުރުމުގެ ސަބަބުން މިއޮންނަނީ އަބަދުވެސް ދަރަނިވެރިވެފައި ކަމަށާއި މިގޮތަށް ތަކުރާރުކޮށް، އަހަރަކަށް ފަހު އަހަރެއް ޑެފިސިޓް ބަޖެޓްގައި އުޅެން ޖެހުމުން، ސަރުކާރުގެ ބަޖެޓް މިއަދު އޮތީ ވަރަށް ހާލުގައި ކަން ރައީސް ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ދަރަނި ކުޑަކުރުމަށްޓަކައި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ސަރުކާރުން އެކި ފަރާތް ފަރާތަށް، އެކިއެކި ކުންފުނިތަކަށާއި އެކިއެކި ފަރުދުންނަށް ދޭން ޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ނުދައްކާ ހުރި ފައިސާގެ ޢަދަދު، މިވޭތުވެ ދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، 1.6 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެން ނަމަވެސް، 1.6 ބިލިއަން ރުފިޔާގެ ތެރެއިން މިވޭތުވެ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، 1.3 ބިލިއަން ރުފިޔާގެ ފައިސާ ބިލްތަކަށް ދައްކަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. އަދި ނަގާފައި ހުރި ލޯނުތަކުގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ލޯނު، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކާފައިވާ ކަމަށާއި އަދި ބޭރު ޤައުމުތަކުން ނަގާފައި ހުރި ލޯނުތަކަށް ގަވާއިދުން ދައްކަންޖެހޭ ފައިސާ ވެސް ދައްކަމުން ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، އަޅުގަނޑުމެން ދިވެހިންނަކީ މީހުންނަށް ދަރާއުޅޭ ބައެއް ނޫން ކަމަށާއި މިހާތަނަށް ރާއްޖެ އިން ދައްކަން ޖެހޭ ފައިސާއެއް، އެއްވެސް ފަރާތަކަށް ނުދައްކައެއް ނޯންނާނެ އެވެ.