20 Apr 2013, 13:06
ދުނިޔޭއާ އެގޮތް ދިރުން ދެމެހެއްޓިދާނެ މާހައުލެއް އެކުލެވޭ ދެ ޕްލެނެޓެއް ހޯދިފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ.
ނާސާ އިން ބުނީ މި ދެ ޕްލެނެޓަކީ ދިރުން ދެމެހެއްޓުމަށް ބޭނުންވާ ސައިޒުގެ އަދި އެސިސްޓަމްގެ އިރާ ދެމެދުގެ ދުރުމިން އެންމެ ރަނގަޅު "ހެބިޓެބަލް ޒޯން"ގެ ތެރޭގައި ހިމެނޭ ދެޕުލެނެޓް ކަމަށެވެ.
ޕުލެނެޓްތައް ހޯދުމަށާއި ޕުލެނެޓުތަކާ އެހެން ތަރިތަކާ ދެމެދުވާ ދުރުމިންތައް ދެނެގަތުމަށް ނާސާ އިން ލޯންޗުކުރި ކެޕްލާ ޓެލެސްކޯޕްގެ އެހީގައި ހޯދިފައިވާ މިދެޕުލެނެޓަށް ނާސާ އިން ދީފައިވާ ނަމަކީ ކެޕްލާ-62-އީ އަދި ކެޕްލާ-62-އެފް އެވެ.
މީގެ ކުރިން ވެސް ކެޕްލާ ޓެލެސްކޯޕްގެ އެހީގައި ދިރުން ދެމެހެއްޓޭނެ ކަމަށް ބެލެވޭ ޕްލެނެޓްތަކެއް ހޯދިފައިވާ ނަމަވެސް، މި ޕްލެނެޓްތައް މާ ހޫނުވުމުން ނުވަތަ މާ ފިނި ވުމުން ދިރުން ނުދެމެހެއްޓޭނެ ކަމަށް ނާސާއިން ވަނީ ބުނެފަ އެވެ.
ކެޕްލާ ޓެލެސްކޯޕް މިޝަން ހިންގާ ކެލިފޯނިއާގައި ހުންނަ ނާސާގެ އޭމްސް ރިސާޗު ސެންޓަރުން ބުނީ ކެޕްލާ-62-އީ އަދި ކެޕްލާ-62-އެފް އަކީ މިހާތަނަށް ފެނިފައިވާ ދުނިޔެއާ އެންމެ އެއް ގޮތް ދެޕުލެނެޓު ކަމަށެވެ.
ކެޕްލާ-62-އީ އަދި ކެޕްލާ-62-އެފް ވެސް ހިމެނެނީ އެއް ސޯލާ ސިސްޓަމެއްގެ ތެރޭގަ އެވެ. އަދި އެސިސްޓަމްގައި ހިމެނޭ އިރު ވަށާ މިދެޕުލެނެޓުން ބުރު ޖަހަމުންދާއިރު، މި ދެ ޕުލެނެޓަކީ ދުނިޔެއާ މާސްއާ ދެމެދުވާ ދުރުމިނަށް ވުރެ ކައިރި ކައިރީގައިވާ ދެޕުލެނެޓެވެ.
ނާސާ އިން ބުނީ ކެޕްލާ-62-އީ އަކީ ދުނިޔެ އަށް ވުރެ ކުޑަކޮށް ހޫނު ޕުލެނެޓެއް ކަމަށާއި ކެޕްލާ-62-އެފް އަކީ ދުނިޔެއަށް ވުރެ ކުޑަކޮށް ފިނި ޕުލެނެޓެއް ނަމަވެސް، ދިރުން ދެމެހެއްޓިދާނެ މާހައުލެއް އެކުލެވޭ ދެޕުލެނެޓް ކަމަށެވެ.
މި ދެ ޕުލެނެޓް ހިމެނޭ ސޯލާ ސިސްޓަމްގެ އިރަކީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ އިރަށް ވުރެ ތިން ބައި ކުޅަ ދެބައިވާ ވަރުގެ "އޮރެންޖު ޑުވާފް" އެކެވެ. މި އިރުގެ އަލި ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ އިރުގެ އައްޔަށް ވުރެ ފަސް ބައި ކުޅަ އެއް ބައި ދަށް ނަމަވެސް، އެއިރަކީ ދުނިޔޭގެ އިރަށް ވުރެއް 2.5 ބިލިއަން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރެއް ކަމަށް ނާސާއިން ބުނެ އެވެ.
މިހޯދުންތައް ނާސާ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު "ސައިންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ އިރު ކެޕްލާ ޓެލެސްކޯޕްގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ނާސާގެ އޭމްސް ރިސާޗު ސެންޓަރުން ބުނެ އެވެ.
ކެޕްލާ-62-އީ އަދި ކެޕްލާ-62-އެފް މިހާރު ހޯދިފައިވާ ނަމަވެސް އަވަސް މުސްތަގުބަލެއްގައި މިދެޕުލެނެޓަށް ޒިޔާރާތެއް ކުރުމަކީ ދުރުގައިވާ ކަމެކެވެ. ސަބަބަކީ މިދެޕުލެނެޓަކީ ދުނިޔެއާ 1،600 ލައިޓްއިއާސް ދުރުގައިވާ ލީރާ ކޮންސްޓެލޭޝަންގައި ހިމެނޭ ޕުލެނެޓްތަކަކަށް ވުމެވެ. އެއް ލައިޓްއިއާ އަކީ 6 ޓްރިލިއަން މޭލުގެ ދިގު ރާސްތާއެއް ކަމުން، އަވަސް މުސްތަގުބަލެއްގައި މިފަދަ ދިގު ދަތުރެއް ކުރުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.