20 Apr 2013, 12:46
ބޮސްޓޮން މެރަތަންގެ ތެރެއިން ބޮމެއް ގޮއްވާލައި ތިން މީހަކު މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ފިލާފައިވާ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ބޮސްޓޮންގެ ފުލުހުން ބުނެފި އެވެ.
ބޮސްޓޮންގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ ދެމީހެއްގެ މައުލޫމާތު ލިބުމުން ބޮސްޓޮންގެ ފުލުހުންނާ އެމެރިކާގެ އެފްބީއައިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.
ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވެނީ ދެބެން ކަމަށްވާ އުމުރުން 26 އަހަރުގެ ޓެމާލަން ޓުސާނައެވު އާއި އުމުރުން 19 އަހަރުގެ ޒޮހާރު ޓުސާނައެވުގެ މައްޗަށެވެ.
ބޮސްޓޮންގެ ކައިރީގައިވާ މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ކައިރިން ފުލުހުން މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަންގެ ތެރެއިން ދެބެންއާ ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ފުލުހުން ވަނީ ޓެމާލަން މަރާލާފަ އެވެ.
ޓެމާލަން މަރުވުމާއެކު، ޒޯހާރު ވަނީ ބިރު ދައްކައިގެ ކާރެއް ހިފެހެއްޓުމަށްފަހު ބޮސްޓޮންގެ ވޯޓާޓައުން ސަރަހައްދަށް ގޮސް ފިލައިފަ އެވެ.
މިއާއެކު އެމެރިކާގެ ފުލުހުންނާ އެހެނިހެން އިދާރާތައް ގުޅިގެން ވޯޓާޓައުން އެއްކޮށް ބަންދުކޮށްލައިގެން ބޮޑު އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. މިއޮޕަރޭޝަންގެ ތެރޭގައި ވޯޓާޓައުންގައި ފުލުހުން ވަނީ ކާފިއު ހިންގައިގެން ދޮރުން ދޮރަށް ހިނގާ ގިނަ ގެތަކަކާއި މަގުތަކެއް ފާސްކޮށްފަ އެވެ.
ޒޯހާރު ނުފެނުނު ކަމަށް ނިންމާ، ފުލުހުން ވޯޓާޓައުން އޮޕަރޭޝަން ނިންމާލާފައި ވަނިކޮށް އޭނާ ފެނިފައި ވަނީ ބޮސްޓޮން ސަރަހައްދުގެ ގެއެއްގެ ފަހަތުގައި އެހެލާފައިވާ ބޯޓެއްގެ ތެރޭގައި ފިލާ އޮއްވަ އެވެ.
މިކަން ފުލުހުންނަށް އެނގުމާއެކު ފުލުހުން ވަނީ އެސަރަހައްދު ވަށާލުމަށްފަހު، ޒޮހާރު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރިއިރު އޭނާގެ ގައިން ދެތަނަކަށް ވަޒަަން އަރާފައިވާ ކަމަށާއި މިހާރު އޭނާއަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.