20 Apr 2013, 11:59
މިއަހަރުގެ ޖޫންމަހުގައި ސީޝެލްސްގައި އޮންނަ ހަތަރު ގައުމު ވާދަކުރާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމާދޭތެރޭގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނޭ ކަމަށް އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ވިދާޅުވެއްޖެއެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ސުޒޭން ވިދާޅުވީ، ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ މެދުވެރިވެގެން ގައުމީ ޓީމަށް ލިބިފައިވާ އެފުރުސަތުގައި ބައިވެރިވުމާ ދޭތެރޭގައި ގޮތެއް ނިންމާނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
"ސީޒަން ތެރޭގައި ވީމައި ފުރަތަމަ ކަމަކަށް ލީގުގައި ހިމެނޭ އަށް ކުލަބާ މަޝްވަރާ ކޮށްފައި ކުލަބުތަކުން ޑިސައިޑް ކުރާނީ މީގަ ގައުމީ ޓީމުން ބައިވެރިވާނެތޯ ނުވާނެތޯ. އެހިސާބުން ދެން ގައުމީ ޓީމުގެ ތައްޔާރީތަކަށް ދާނީ. މިބަލަނީ މިއަންނަ ހަފްތާ ތެރޭގައި ހަމަ ގައިމުވެސް މީގައި ބައިވެރިވާނެތޯ ނުވާނެތޯ އެފްއޭއެމްއިން ނިންމާނަން،" ސުޒޭން ވިދާޅުވުއެވެ.
މުބާރާތުގައި ބައިވެރިވާނެތޯ ނޫންތޯ ނިންމަން އުޅެނީ ފައިސާގެ ދަތިކަމެއް ހުރެގެން ނުވަތަ އެހެންނިހެން ތައްޔާރީތަކުގެ ދަތިކަމެއް ހުރެގެން ނޫން ކަމަށާއި އެހެން ނަމަވެސް ލީގަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭތީކަމަށް ސުޒޭން ވިދާޅުވިއެވެ.
"ބައިވެރިވާނެތޯ ނުވާނެތޯ ގޮތެއް ނިންމަން މިއުޅެނީ އެއްގޮތަކަށްވެސް މި މުބާރާތަށް ދިއުމުގެ ހަރަދު ނުވަތަ ތައްޔާރުވުމަށް މައްސަލައެއް ދިމާވެގެނެއް ނޫން. ލީގަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެކަމަށް ކުލަބުތަކުގެ މަޝްވަރާއެއް ހޯދަންވެގެން މިއުޅެނީ،" ސުޒޭން ވިދާޅުވިއެވެ.
ސުޒޭން ވިދާޅުވީ ގައުމީ ޓީމަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަން އޮލިމްޕިކް ކޮމިޓީން ރަސްމީ ސިފައެއްގައި އެފްއޭއެމްއަށް އަންގާފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށާއި އެހެން ނަމަވެސް އެވާހަކަ ދެކެވޭތާ މަސްދުވަސް ވެދާނޭ ކަމަށެވެ. އަދި މިފަދަ މުބާރާތެއްގައި ބައިވެރި ވުމުގެ އެންމެ މުހިއްމު ބޭނުމަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުން ކަމަށްވެސް އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް ވިދާޅުވިއެވެ.
ސީޝެލްސްގެ މުބާރާތުގައި އެގައުމު ހިމަނައިގެން ޖުމުލަ ހަތަރު ގައުމު ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު ރާއްޖެ ފިޔަވައި ދެން ދައުވަތުދެނީ ކޮން ދެގައުމެއް ކަމެއް އަދި މިހާތަނަށް އެނގިފައި ނުވާކަމަށް ރާއްޖޭގެ ފުޓްބޯޅައާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.