20 Apr 2013, 12:00
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ސްވިޒަލޭންޑުގެ ޖޯޒެފް ސެޕް ބްލެޓާ އެމަގާމުގައި އިތުރު ހަތަރު އަހަރު މަޑުކޮށްފާނޭ ކަމުގެ އިޝާރާތެއްކޮށްފި އެވެ.
ކޮންފެޑެރޭޝަން އޮފް ނޯތު ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް (ކޮންކަކަފް)ގެ ކޮންގްރެސްގައި ބައިވެރިވުމަށް ފަހު ރޮއިޓާޒް އަށް ދެއްވި އިންޓަވިއުއެއްގައި ފީފާއާ ގުޅޭގޮތުން އުމުރުން 77 އަހަރުގެ ބްލެޓާ ވިދާޅުވީ "އަހަރެން މިބޯޓް ރަނގަޅަށް ބައްޓަން ނުކުރެވެނީސް ދޫކޮށެއް ނުލާނަން" ކަމުގަ އެވެ. އެހެން ނަމަވެސް ބްލެޓާ ކުރިން ވިދާޅުވެފައި ވަނީ އޭނާ ފީފާގެ ރައީސް ކަމަށް ފަސް ވަނަ ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށެވެ.
ކޮންކަކަފްގެ އަހަރީ ބައްދަލުވުމުގައި ފީފާ ހަރުދަނާ ކުރުމަށް އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމާއި ފީފާގެ އެކްސްކޯގައި މެންބަރު ގައުމުތަކަށް ހަމަހަމަ އުސޫލަކުން ފުރުސަތުލިބޭނޭ ގޮތްތައް ހަމަޖެއްސުމާއި ތަފާތު ކޮންފެޑެރޭޝަންތަކުގެ ދެމެދުގައި ގުޅުން ރަނގަޅުކުރުމަށް ބާރު އަޅުއްވައި ބްލެޓާ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ވޯލްޑް ކަޕްގައި ބައިވެރިވުމަށް އެކި ބައްރުތަކަށް ޖާގަތައް ދީފައިވާއިރު ޔޫރަޕާއި ދެކުނު އެމެރިކާގެ ގައުމުތަކަށް މުބާރާތުގެ ތިންބައިކުޅަ ދެބައި ޖާގަ ލިބިފައި އޮންނަކަން އޭނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެހެން ބައްރުތަކަށް ވެސް ހަމަހަމަ އުސޫލަކުން ވޯލްޑްކަޕްގެ ޖާގަތައް ތަނަވަސްކޮށްދޭން ޖެހޭނޭކަމަށް ބުލެޓާ ވިދާޅުވި އެވެ.
ބުލެޓާ ފީފާއިން ވަކިވުމުގެ ކުރިން ހުރިހާ ގައުމުތަކަށް ހަމަހަމަ އުސޫލަކުން ވޯލްޑް ކަޕާއި އަދި ފީފާގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނަންތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ "ހަމަ ޔަގީން. އެކަމަކު ކޮންގްރެސް އަށް ވައްދައިގެން އެއަށް ތާއީދު ހޯދުމަށް ވަރަށް ދިގު މުއްދަތެއް ނަގާފާނެ" ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކޮންމެވެސް ދުވަހަކުން އަހަރެމެން އެނބުރި ދާންޖެހޭނޭ ކަމަށާއި އެހެން ނަމަވެސް ފީފާ އަށް ހިދުމަތްކުރުމާ ދުރަށްދާން އޭނާ ބޭނުން ނުވާކަމަށެވެ.
ފީފާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ބްލެޓާ ހޮވިފައި ވަނީ، 1998 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ފީފާގައި މަސައްކަތް ކުރަށްވަމުންނެވެ.