ޗެމްޕިއަންސްލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ބަޔާން މިޔުނިކާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު އަނިޔާގެ ސަބަބުން ބާސާގެ ކާލްސް ޕުޔޯލްއާއި ހާވިޔާ މަޝެރާނޯ އަށް އެމެޗުގައި ނުކުޅެވޭނޭ ކަމަށް ބާސާގެ އެސިސްޓެންޓް ކޯޗް ޖޯޑީ ރޫރާ ބުނެފިއެވެ.

ރޫރާ ބުނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް މިޔުނިކަށް ދާއިރު އެކުލަބުގެ ކެޕްޓަން ޕުޔޯލްގެ ކަނާތު ފައިގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވުމުން އޭނާއަށް އެމެޗުގައި ނުކުޅެވޭނޭކަން ޔަގީންވާއިރު މޭ މަހުގެ އެއްވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ސެމީފައިނަލުގެ ދެވަނަ ލެގުގައިވެސް ކުޅެވިދާނެކަން އަދި ކަށަވަރު ނުވާ ކަމަށެވެ. ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީއާދެކޮޅަށް ކުޅެ 2-2ން އެއްވަރުވި މެޗުގައި މަޝެރާނޯގެ ކަނާތުފައިގެ ލިގަމެންޓު ހަލާކުވުމުގެ ސަބަބުން އޭނާވެސް މިވަގުތު ފަރުވާ ހޯދަމުން ގެންދާތީ ކުރިއަށް އޮތް މެޗުގައި މަޝެރާނޯއަށްވެސް ނުކުޅެވޭނޭ ކަމަށް ރޫރާ ބުންޏެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުންދާއިރު ޕުޔޯލްފަދަ މޮޅު ސެންޓްރަލް ބެކެއްގެ ބަދަގައި ނެރޭވަރުގެ ރަނގަޅު ސްކޮޑެއް ބާސާގައި އޮތުމަކީ އެކުލަބަށް ލިބޭނޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެގޮތުން ފުލްބެކް އެޑްރިއާނޯއާއި އަރަމުން އަންނަ ތަރި މާކް ބާޓްރާއާއި، މިޑްފީލްޑަރު އެލެކްސް ސޯންގް އަދި ސާޖިއޯ ބުސްކެޓްސް ފަދަ ކުޅުންތެރިން ހިމެނެއެވެ.

ލިވަޓްރާންސް ޕްލާންޓްއަށްފަހު މީގެ ދުވަސްކޮޅެއް ކުރިން އެނބުރި ކުޅުމުގެ ތެރެއަށް އައި ފްރާންސްގެ ތަރި އެރިކް އަބިދާލްގެ އެނބުރި އައުމަކީވެސް ބާސާއަށް އިތުރު ބާރެއް ލިބިގެންދާނޭ ކަމެކެވެ. ރޯރާބުނީ އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު އަންގާރަ ދުވަހުގެ ސެމީއަށް ހަމަ ޔަގީނުންވެސް ފިޓްވާނޭ ކުޅުންތެރިއަކީ ލިއޮނަލް މެސީ ކަމަށެވެ. އަދި މެސީ މިހާރު ހުރީ ޓްރެއިނިން ތަކުގައި ބައިވެރިވެ ރަނގަޅު ޝޭޕެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.