ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ވަރަށް އަވަހަށް ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް، ރޭ ވިދާޅުވީ ޝަރީފު ޕީޕީއެމް އިން ވަކިވުމަށް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އޭނާ އެކަން ފައިނަލް ކުރައްވާނީ ތިމަރަފުށީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ޝަރީފު ނިންމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަން ވަނީ އެ ޕާޓީން ވެސް އަދި އޭނާގެ ފަރާތުން ވެސް ކަށަވަރު ކުރެވޭ ގޮތް ނުވެފަ އެވެ.

ޝަރީފު ޕީޕީއެމް ދޫކުރައްވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ދި ޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނީ ކޯލިޝަނަކުން ކަމަށެވެ. އަދި ވިދާޅުވީ ތިމަރަފުށީ އެއާޕޯޓް މަޝްރޫއު ހުއްޓުވުމަށް ޕީޕީއެމްގެ ބަޔަކު މަސައްކަތް ކުރެއްވި ކަމަށް އެނގިވަޑައިގަތް ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވަރަށް ބޮޑު އިސްނެންގެވުމާ އެކު ކުރިއަށް ގެންދަވާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ހުއްޓަވައި ނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށެވެ.