20 Apr 2013, 09:31
ކަރަކާސް (އެޕްރީލް 20): ވެނެޒުއެލާގެ ރައީސް ކަމަށް އިންތިޚާބު ކުރެވިފައިވާ، ކުރީގެ ބަސް ޑްރައިވަރު ނިކޮލަސް މަދޫރޯ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރައްވައިފި އެވެ.
ރައީސް ކަމުގެ ހުވާކުރެއްވުމަށް ކަރަކާސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މަދުރޯ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި މުސްތަޤްބަލެއް ލިބޭގޮތަށް އޭނާގެ ވެރިކަން ބައްޓަން ކުރައްވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކާ ސުލްހަވެ ހުރިހާ ރައްޔިތުން ގުޅިގެން ގައުމު ބިނާކުރައްވަން މަސައްކަތްކުރައްވާނެ ކަމުގަ އެވެ.
މިރަސްމިއްޔާތުގައި މަދޫރޯ ވާހަކަ ދައްކަވަނިކޮށް ކުއްލިއަކަށް މީހަކު އޭނާގެ ކުރިމައްޗަށްއަރައި ކުރިމަތީގައިވާ މައިކްރޯފޯން ދަމައިގެންފައިވެ އެވެ. ނަމަވެސް މަދޫރޯގެ ހަށިފާރަވެރިން ވަނީ އެމީހާ އެތަނުން ނެރެފަ އެވެ.
މަދޫރޯ ހުވާކުރުމުގެ ރަސްމިއްޔާތުގައި ލެޓިންއެމެރިކާގެ އެތައް ގައުމުތަކުގެ އިސްވެރިންގެ އިތުރުން ބައެއް ޢަރަބި ގައުމުތަކުގެ އިސްވެރިންނާއި އީރާނުގެ ރައީސް އަޙްމަދީ ނެޖާދު ބައިވެރިވެވަޑައިގެންނެވި އެވެ. ވެނެޒުއެލާގެ ރިޔާސީ އިންތިޚާބުގައި ކުޑަ ތަފާތަކުން ބަލިވެވަޑައިގެންނެވި އެންރިކީ ކެބްރިލީސް ވަނީ ޕާޓީއާއި އަމިއްލަ މަސްލަޙަތަށް ވުރެ ގައުމުގެ ހަމަޖެހުމާއި ސުލްޙަ އިސްކުރަން ޖެހޭ ކަމަށް ވިދާޅުވެ ހަމަނުޖެހުންތައް ނުއުފައްދައި ސުލްޙަވެރިކަމާ އެކު އިޙްތިޖާޖްތައް ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ. އެހެންކަމުން ވެނެޒުއެލާގައި މާބޮޑު ހަމަނުޖެހުންތަކެއް ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވެނެޒުއެލާގެ އަވަހާރަވެފައިވާ ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ސިޔާސަތުތައް ދެހެއްޓުމަށް ވަޢުދުވެވަޑައިގެންފައިވާ މަދޫރޯ އަކީސިޔާސީ މައިދާނަށް ވެދެވަޑައިގަތުމުގެ ކުރިން ބަސް ޑްރައިވަރަކަށް އުޅުއްވި ވަރަށް އާދައިގެ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޗާވޭޒްގެ ވެރިކަމުގައި އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވެނެޒުއެލާގެސަރުކާރުގެ އެންމެ އިސްމަޤާމުތަކާ ހަމައަށް ވާސިލްވެ ވަޑައިގެންފަ އެވެ. މީގެތެރޭގައި 2006 ވަނަ އަހަރު ވެނެޒުއެލާގެ ޚާރިޖީ ވަޒީރުކަންލިބިވަޑައިގަތުމާ އަދި 2012 ވަނަ އަހަރު އެގައުމުގެ ނައިބު ރައީސް ކަމުގެމަޤާމު ލިބިވަޑައިގަތުން ހިމެނެ އެވެ. (ނޫސްއެޖެންސީތައް)