ބެއިޖިންގް (އެޕްރީލް 20): ޗައިނާގެ ހުޅނގު ދެކުނުގެ ސިޝްވާން ސަރަޙައްދަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އައިސް އެތައް ބަަޔަކު މަރުވެއްޖެ އެވެ.

ޗައިނާގެ ރަސްމީ ނޫސްއެޖެންސީ ކަމަށްވާ ނިއުޗައިނާ ނޫސްއެޖެންސީ ޚަބަރު ދޭގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ޗައިނާ ގަޑިން މިއަދު ހެނދުނު 8:00 ގައެވެ. އެއީ ޖީއެމްޓީން ރޭ މެންދަމު 12:00 އެވެ. ޗައިނާގެ ޖިއޮފިޒިކަލް މަރުކަޒު ބުނާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 7ގެ ބާރުމިނުގަ އެވެ.

ނަމަވެސް ބިންހެލުންތަކާ ބެހޭ ދިރާސާތައްކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ މަރުކަޒު ބުނާގޮތުން ޗައިނާގެ ހުޅަނގު ދެކުނުގެ ސިޝްވާނަށް މިބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 6.6 ގެ ބާރުމިނުގަ އެވެ. އަދި ބިންހެލުމުގެ މަރުކަޒު ހުރީ އެސަރަހައްދާ ކައިރީގައިވާ ޓައުނެއް ކަމަށްވާ ލިންގިންގްގެ ބިމު އަޑިން 12 ކިލޯމީޓަރުގެ ފުނުގައި ކަމަށް ވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ މަރުކަޒު ބުނެ އެވެ. އެ ބިން ހެލުމުގައި މިހާތަނަށް ވަނީ 41 މީހަކު މަރުވެ، 600 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފަ އެވެ.

މިއަދު ޗައިނާ އަށް އައި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކާ ޙަވާލާދީ ރޮއިޓާސް ޚަބަރު ދެ އެވެ. އަދި އެތައް ސަތޭކަ ޢިމާރާތެއް ވެސް ވެއްޓި އެ ޢިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިހާރު ގެންދަނީ މީހުން ސަލާމަތްކުރުމުގެ ޓީމްތައް އެސަރަހައްދަށް ފޮނުވަމުންނެވެ.

މިސަރަހައްދަކީ 2008 ވަނަ އަހަރުގެ މޭ މަހު ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ސަރަޙައްދެކެވެ. ދެހާސް އަށް ވަނަ އަަހަރުގެ ބިންހެލުމުގައި މަރުވެ އަދި ޒަޚަމްވި މީހުންގެ ޢަދަދު 90 ހާހަށް އަރާކަމަށް އެދުވަސްވަރު ޗައިނާގެ ރަސްމީ އިދާރާތަކުން ބުނެފައިވެ އެވެ. (ރޮއިޓާސް)