20 Apr 2013, 00:30
އެމްޑީޕީއާ އަބްދުﷲ ޝާހިދު ގުޅިވަޑައިގަތުމަކީ އެ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެއީ އެ ޕާޓީ އިން އެއް ބުރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ހެކި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި އެމްޑީޕީގެ ގިނަ ސަޕޯޓަރުންނާ އެކު "އާބާރެއް"ގެ ނަމުގައި އެމްޑީޕީ އިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި މިހާރު އުފެދޭ ސުވާލަކީ އެމްޑީޕީ އިން އެއްބުރުން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިރޭ ފެނިގެންދަނީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެއީ އެ ޕާޓީ އިން އެއް ބުރުން އިންތިހާބު ކާމިޔާބް ކުރާނެ ކަމުގެ ހެކި ކަމަށެވެ.
"އަޅުގަނޑުމެންނާ މިރޭ މިގުޅެނީ ވަރަށް ބޮޑު އުންމީދެއް. އަޅުގަނޑުމެންނާ މިރޭ ގުޅެނީ ރައްޔިތުން މަޖިލީހުގެ ރައީސް، އެއީ އަޅުގަނޑުމެނަށް އެއް ބުރުން މިއިންތިހާބް ކާމިޔާބް ކުރެވޭނެ ކަމުގެ ހެކި،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ދިވެހި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އެއްބުރުން ލިބިދާނެތޯއޭ، އެއީ މިއަދު ދިވެހި ރައްޔިތުންގެ ސުވާލަކީ، މިރޭ މިތަނުން މިފެންނަ މަންޒަރަކީ އެއްބުރުން ދިވެހި ރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީއިން އެއިންތިހާބް ކާމިޔާބްކުރާނެކަން،"
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން އެއްބުރުން ރިޔާސީ އިންތިހާބް ކާމިޔާބް ކުރަން ބޭނުންވާ ތަޖުރިބާ ޝާހިދު ގުޅުމާ އެކު އެގުޅުނީ ކަމަށެވެ. އަދި އެމްޑީޕީ ފިޔަވައި އިތުރު ފިކުރެއް މިރާއްޖޭގައި ނެތްކަން ރައްޔިތުނަށް މިރޭ ހާމަވާނެ ކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަނީ އެމްޑީޕީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިރޭ އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ރައްޔިތުން މަޖިލީހުގެ މެމްބަރުން ވެސް ވަނީ އެމްޑީޕީ އިން ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޝާހިދު އަކީ ޑިމޮކްރަސީދެކެ ލޯބިފުޅުވާ ގާބިލް ބޭފުޅެއްކަމަށް ވިދާޅުވި އެވެ.