19 Apr 2013, 23:58
އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރައްވައި ގިނަ މެމްބަރުންތަކެއް އެ ޕާޓީ އަށް ގެންދަވާނެ ކަމަށް ދާދިފަހުން ޑީއާރްޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި ތޮއްޖެހޭ ވަރަށް އެމްޑީޕީގެ ގިނަ ސަޕޯޓަރުންނާ އެކު "އާބާރެއް"ގެ ނަމުގައި އެމްޑީޕީ އިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތުމުން ގިނަ ފަރާތްތަކަކުން އެ ޕާޓީއާ ގުޅޭނެ ކަމަށް ބުނި ކަމަށާއި އެ މަނިކުފާނު އިސްނަގަންގަވައިގެން އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކޮށް އެމްޑީޕީގެ މެމްބަރުންގެ އަދަދު އިތުރުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މި ޕާޓީއާ ގުޅުމުން ޕާޓީއާ ގުޅިވަޑައިގެން ނުތިއްބެވި އެތައް ބޭފުޅުންނެއް ގުޅުއްވި، އަޅުގަނޑު ގަސްތުކުރަން މި ޕާޓީގެ މެމްބަޝިޕް ޑުރައިވެއް، މެމްބަރުން އިތުރުކުރުމުގެ މަސައްކަތެއް އަޅުގަނޑު ފަށައިގެން ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި މިޕާޓީ އަށް މެމްބަރުން ގެނައުމަށް މަސައްކަތް ކުރަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އޭނާ އާ އެކު މަސައްކަތް ކުރައްވާ ވަރަށް ގާބިލު ތައުލީމީ ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް އެމްޑީޕީއާ ގުޅިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ މި ހިރީ އެމްޑީޕީގެ "ހިތްވަރު ގަދަ ފަހުލަވާނުންނާ އެކު" ކަމަށެވެ.
"މިއަދު ދިވެހި ރައްޔތުން ޑިމޮކުރަސީ އަކާއި ދުރަކަށްނުދާނެ. މިއަދު ދިވެހި ރައްޔިތުން ވެރިކަމުގެ ބާރު ރައްޔިތުންގެ އަތަކުން ދޫކޮށެއްނުލާނެ. ދެން އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ އަތުގައި. އެމްޑީޕީގެ ގަދަފަދަ ފަހުލަވާނުން މިތިބީ އެކަމަށް ކަމަރު ބަނދެގެން. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކުން ދިވެހި ރައްޔިތުންގެ އަތުން ވެރިކަން ނިގުޅައިގަތުމުގެ ފުރުސަތެއް ދެން ނުދޭނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީ އަށް ތައުރީފް ކުރައްވައި ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރާ އެކު ރާއްޖެ އަށް ޑިމޮކުރަސީގެ ހުޅުކޮޅެއް ދިއްލުނު ކަމަށާއި ނަމަވެސް ބައެއްގެ މަސައްކަތުން އެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ޑިމޮކުރަސީ ނައްތާލުމަށް ކުރި މަސައްކަތް ހުއްޓުވީ އެމްޑީޕީ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރަނީ އެމްޑިޕީ ކަމަށައި އެ ޕާޓީގެ ސިޔާސަތު ގުޅިފައި ވަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަމަށެވެ. އަދި އެއްބުރުން މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑިޕީ ކާމިޔާބު ކުރައްވާނެ ކަމަށް ހަރުއަޑުން ޝާހިދު ވިދާޅުވި އެވެ.