19 Apr 2013, 21:52
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލެއްވީ ޕާޓީއަށް މިހާރަށްވުރެ ބޮޑަށް ޚިދުމަތް ކުރެއްވުމަށް ކަމަށް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ މެދުގައި ގުރުއަތުލުމަށް މިރޭ ބޭއްވި ހަފްލާއަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެ ޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔަބުކޮށްދިނުމަށް އިޚުލާސްތެެރިބަޔަކު ލީޑާޝިޕުގައި ތިބެންޖެހޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނަވާ އެއްވެސް ބޭފުޅަކު ދައުރު ފުރިހަމަ ކުރާތަނެއް ނުފެނޭ. ޕާޓީއާއިގެން ދެމި ހުންނަ ޕާޓީއަށް އިޚުލާސްތެރި ބަޔަކު ޕާޓީގެ ލީޑާޝިޕުގައި ތިބެން އެބަޖެހޭ،" އަލީ ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އޭނާ އެމަގާމަށް ކުރިމަތިލެއްވީ ޕާޓީ ދިފާއުކޮށް ވާހަކަދައްކާނެ އިޚުލާސްތެރިބަޔަކު އެމަގާމުގައި ތިބެންޖެހޭކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ޒިންމާދާރުކޮށް މަސައްކަތްކުރާ ޕާޓީއަކީ ޑީއާރްޕީ ކަމަށާއި އަދި މިހާރުގެ މާހައުލު އޮތްގޮތުން ޑެޕިއުޓީލީޑަރުގެ މަގާމާއި އޭނާ ހަވާލުވާންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މިހަރުވެސް އެ ޕާޓީގެ އިންތިގާލީ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދަށެވެ.
ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށެވެ. އޭގެއިތުރުން އެ ޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު އަށް ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތް އިރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަށް ލިބިވަޑައިތީ ކެންޑިޑޭޓް ނަންބަރު ހަތަރެކެވެ. އަދި ކެންޑިޑޭޓް ނަންބަރު ފަހެއް ލިބިވަޑައިގަތީ އެ ޕާޓީގެ އިންތިގާލީ ނާއިބް ލީޑަރުގެ މަގާމުގައި ހުންނެވި ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒު އަށެވެ.