ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި މުހައްމަދު ހުސެއިން (އޮއިއްޓޭ) ކާމިޔާބުކޮށްދިން ލަނޑުން އެކެއް ސުމަކުން ބީޖީ މޮޅުވެއްޖެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނޭ ބައެއް ފުރުސަތު ލިބުނު ކަމުގައި ވީނަމަވެސް އެއްވެސް ކުލަބަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ސަސްޕެންޝަންގެ ސަބަބުން ކުޅުމުގެ ފުރުސަތު ނުލިބުނު ބީޖީގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ރިލްވާން، އަސްހަދު، އަދި ސޮލާހު ނުލައި ކުޅުނު މެޗުގައި އެ ޓީމަށް ނަތީޖާ ބަދަލުކޮށްދިން ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އޮއިއްޓެ އެވެ. އަޝްފާން ނަގައިދިން ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭވައިއެލްގެ ކީޕަރު އަތުގައި ޖެހިފައި ގޯލް ރޮނގު ކައިރިއަށް ވެއްޓުނު ބޯޅަ އެޓީމުގެ ކުޅުންތެރިން ބޭރަށް ފޮނުވާލަން މަސައްކަތް ކުރަނިކޮށް އޮއިއްޓެވަނީ ފައިންޖަހާ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލާފަ އެވެ.

މެޗަށް ފަހު ބީޖީގެ ކޯޗު އިޓަލީގެ ކޯޗު ފަބިއޯ ލޮޕޭޒް ބުނީ އޭނާގެ ޓީމުން މިއަދުގެ މެޗުން މޮޅުވުމުން ހިތްހަމަޖެހޭކަމަށާއި އެހެން ނަމަވެސް ރެފްރީގެ ނިންމުންތައް އެހާ ރަނގަޅު ނުން ކަމަށެވެ. އޭނާ ބުނީ އެކުލަބުން މެޗުގައި ދެ ލަނޑު ކާމިޔާބު ކުރިކަމަށާއި އެހެން އަދި ޕެނަލްޓީއެއް ލިބެންޖެހޭ ހާލަތު ދިޔަކަމަށެވެ. އޭގެ އިތުރުން ބީޖީގެ މުހިއްމު ބައެއް ކުޅުންތެރިން ސަސްޕެންޝަނާގުޅިގެ މެޗަށް އަސަރު ކުރިތޯ ސުވާލު ކުރުމުން ފަބިއޯ ބުނީ އެކުޅުންތެރިން ނެތުމަކީ އޭނާއަށް މައްސަލައެއް ނޫންކަމަށާއި އަދި ޓީމުގެ ސްކޮޑްގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ވެސް އޭނާއަށް މުހިއްމު ކުޅުންތެރިން ކަމަށެވެ.

އޭވައިއެލްގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނީ މިއަދުގެ މެޗުގައި އޭނާގެ ކުލަބުގެ ފަރާތުން ވެސް އަދި ބީޖީގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަމަށާއި އެހެން ނަމަވެސް ފަހުވަގުތުގައި ބީޖީގެ ނަސީބު ރަނގަޅު ކަމުން ނަތީޖާ އެނބުރުނީ ކަމަށެވެ. އޭގެ އިތުރުން ނާދު ބުނީ ރެފްރީންގެ ނިންމުންތަކަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އޭވައިއެލްއަށް ލިބެންޖެހޭ ޕެނަލްޓީއެއް ރެފްރީ ދީފައި ނުވާކަން ނާދު ފާހަގަކުރި އެވެ.

"ފުރަތަމަ ހާފުގައި އަބޫއަށް ބީޖީގެ ކުޅުންތެރިން އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަށް ރެފްރީ ޕެނަލްޓީއެއް ނުދިނީ ކީއްވެ. އެތަނުން ޕެނަލްޓީއެއް ނުދެންޏާ، އަބޫ މަކަރު ހެދީކަމަށް ބަލާފަ ކާޑު ދައްކަން ޖެހޭނެދޯ؟" ނާދު ބުންޏެވެ.

މިއަދުގެ މެޗުގެ ނަތީޖާއާ އެކު ލީގުގައި މިހާތަނަށް ބީޖީ ކުޅުނު ހަ މެޗުގެ ތެރެއިން ތިންމެޗުން މޮޅުވެ އެކުލަބަށް ވަނީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނަ ލިބިފަ އެވެ. އަދި ކުޅުނު ހަމެޗުގެ ތެރެއިން ފަސްމެޗުން ބަލިވެ އެއްމެޗުން އެއްވަރުވެ އެންމެ ޕޮއިންޓަކާ އެކު އޭވައިއެލް އޮތީ ތާވަލުގެ ފުލުގަ އެވެ.

ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ، ތާވަލުގެ ހަވަނައިގައި އޮތް ކުލަބް އީގަލްސް އާއި ތިންވަނައިގައި އޮތް ކުލަބް ވެލެންސިޔާ އެވެ.