19 Apr 2013, 18:39
އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒް ކުރުމަށް ގޮވާލާ މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.
ޒުވާނުންތަކެއް އިންތިޒާމްކޮށްގެން ބޭއްވި އެ ހިނގާލުން ފަށަފައި ވަނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު މާފަންނު ސޯޝަލް ސެންޓަރު ކައިރިންނެވެ. އަދި އެހިނގާލުން ނިންމާލަފައި ވަނީ ހަވީރު 5:45 އެހާކަންހާއިރު އާޓިފިޝަލް ބީޗަށެވެ. ހިނގާލުމުގައި ބައިވެރިވި މީހުންގެ އަދަދު މަދު ނަމަވެސް ދެ ޖިންސުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެހިނގާލުމުގައި ބައިވެރިވެފަ އެވެ.
އެ ހިނގާލުން އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަލީ ޝާފިއު ސަން އޮންލައިނަށް ވިދާޅުވީ އެ ހިނގާލުމަކީ ރާއްޖެ އަށް މިއަދު ދިމާވެފައިވާ އެކިއެކި މުސީބާތްތަކުން ސަލާމަތް ވުމަށްޓަކައި ވެސް ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމްކުރުމަށް ގޮވާލާ އަޑުއުފުލުމުގެ ގޮތުން ބޭއްވި ހިނގާލުމެއް ކަމަށެވެ.
"މިއީ އެއްވެސް ސިޔާސީ މަގުސަދެއް އެކުލެވޭ ކަމެއް ނޫން. މިއީ ޒުވާނުންތަކެއް އިސްނަގައިގެން ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމްކުރުމަށް ގޮވާލާ ބާއްވާ ހިނގާލުމެއް،" ޝާފިއު ވިދާޅުވި އެވެ.
އަދި ވިދާލުވީ ދޭތެރެދޭތެރެއިން އިސްލާމީ ޝަރީއަތް ގާއިމްކުރުމަށް ގޮވާލާ ހިނގާލުންތައް ކުރިއަށްގެންދާނެ ކަމަށާއި އެގޮތުން އެއީ އެގޮތަށް ބޭއްވި ދެ ވަނަ ހިނގާލުން ކަމަށެވެ.
މިއަދުގެ ހިނގާލުން ފެށިގެން ކުރިއަށްދިޔަ ވަގުތު އިސްލާމީ ޝަރީއަތް ތަންފީޒްކުރުމަށް ގޮވާލަކަން އަންގައިދޭ ތަފާތު ބެނާތައް ބޭނުންކުރިއިރު އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒް ކުރުމަށް ގޮވާ ޝުއޫރު ފާޅުކޮށްފައިވެ އެވެ.