19 Apr 2013, 18:33
މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިމާދުއްދީން ސްކޫލް ގުޅިގެެން އެ ސްކޫލްގައި ކުރިއަށް ގެންދިޔަ "ބީ ރެޑީ ކޭމްޕް" ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެކޭމްޕް ފުރިހަމަ ކުރި 80 ދަރިވަރުނަށާއި ބެލެނިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދު އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް ފާތުމަތު ނަޝްފާ ވިދާޅުވީ އެ ކޭމްޕަކީ މާލޭގެ ސްކޫލަކުން ބޭއްވި، ދަރިވަރުން ކަން ކަމަށް ތައްޔާރު ކުރުވުމަށް ބޭއްވި އެފަދަ ފުރަތަމަ ކޭމްޕް ކަމަށެވެ. އަދި އެ ކޭމްޕަކީ އެމްއެންޑީއެފްއާއި ފުލުހުންނާއި "ހޭންޑް އެން ހޭންޑް" އެސޯސިއޭޝަން ގުޅިގެން އިމާދުއްދީން ސްކޫލުގެ ގުރޭޑް އަށަކާއި ނުވައެއްގެ އިތުރުން 10ގެ ކުދިންނަށް އަމާޒުކޮށްގެން އެކުދިންގެ އަމިއްލަ ނަފްސު ތަރައްގީ ކުރުމަށް ބޭނުންވާ ލައިފް ސްކިލްސްތަކާއި ރިވެތި އަޚްލާޤާއި އަދަބުތައް ބުނެދިނުމުގެ އިތުރުން އެ ކުދިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވެންހުރި ކަންކަމާ ގުޅޭ ގޮތުން މުހިއްމު މަައުލޫމާތްތަކެއް ދިނުމަށް ބޭއްވި ކޭމްޕެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެން ދިޔަ އެ ކޭމްޕުގައި އިމާދުއްދީން ސްކޫލުގެ 80 ދަރިވަރުން ބަިއވެރިވެފައިވާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި މާލެގެ އިތުރު ސްކޫލުތަކުގައި ވެސް އެ ކޭމްޕް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.