ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް މުސާރަދޭގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލްޓީމް އަލީ ސުޒޭން ވިދާޅުވީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަދިނުމުގައި ކުޅުންތެރިންގެ ފެންވަރަށް ބަލާފައި ހަތަރު ކެޓަގަރީ އަކަށް ބާހާލެވިފައި ވާނޭ ކަމަށެވެ. އެއީ އޭ، ބީ، ސީ އަދި ޑީ ކެޓަގަރީއެވެ.

"އަޅުގަނޑުމެންވާނީ ކުޅުންތެރިން ޕާފޯމް ކުރާވަރު މިންވަރު ބެލުމަށްޓަކައި ކޮމިޓީއެއް އެކުލަވާލާފައި. އަދި އެ ކޮމިޓީގެ ލަފާގެ މަތިން ކެޓަގަރީތަކެއް ކަނޑައަޅާފައި އެވަނީ. ދެން އަޅުގަނޑުމެން ކުޅުންތެރިން ކެޓަގަރީ ތަކަށް ބަހާލާފައިއެވަނީ ވަރަށް ބޮޑަށް ބަލާފައި،" ސުޒޭން ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަދިނުމަށް އެފްއޭއެމް އިން ނިންމާފައިވަނީ މިއަހަރުގެ މާޗު މަހުންފެށިގެން އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި އޮންނަ އޭއެފްސީ ޗެލެންޖް ކަޕާ ހަމައަށެވެ. އެގޮތުން އޭ ކެޓަގަރީގެ ކުޅުންތެރިއަކަށް 6500ރ، ބީ ކެޓަގަރީގެ ކުޅުންތެރިއަކަށް 5000ރ، ސީކެޓަގަރީގެ ކުޅުންތެރިއަކަށް 3000ރ، ދޭގޮތަށް ހަމަޖައްސާފައިވާއިރު ޑީ ކެޓަގަރީގެ ކުޅުންތެރިންނަށް މުސާރައެއް ނުލިބޭނެއެވެ.

ސުޒޭން ވިދާޅުވީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ދިނުމަށްޓަކައި ބަހާލެވުނު ކެޓަގަރީތަކަށް ކުޅުންތެރިން ނެގުމުގައި އެންމެބޮޑަށް ބަލާފައި ވާނީ ރާއްޖެ އެންމެ ފަހުން ޕާކިސްތާނާއެކު ކުޅުނު މެޗަށް ބަލާފައި ކަމަށެވެ. އެގޮތުން އެމެޗުގައި ކުޅުމުގެ ފުރުސަތު ނުލިބޭ ބައެއް ކުޅުންތެރިން ކެޓަގަރީ ކުރުމުގައި ތަންކޮޅެއް ފަހަތަށް ގޮސްފައި ހުންނާނޭ ކަމަށެވެ.

"އަޅުގަނޑުމެން ކެޓަގަރީތަކަށް ކުޅުންތެރިން ބަހާލީ ޕާކިސްތާނު މެޗަށް ބަލާފައި. އެގޮތުން ނެގި ސީނިއާ އަށް ކުޅުންތެރިންގެ ތެރޭގައި އޮއްޕޮ [އިބްރާހީމް ފަޒީލް] ހިމެނިފައި ނުވަނީ، އޭނާ އެމެޗުގައި ނުކުޅޭތީ. ދެން ނާއްޓޭ [އަހްމަދު ނާޝިދު] އެންމެ ފަހަތަށް ލާފައި އެވަނީ އޭނާގެ ޕާފޮމެންސަށް ބަލާފައި،" ސުޒޭން ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ކަނޑައެޅި ކެޓަގަރީތަކުގެ ތެރެއިން އޭ ކެޓަގަރީ ގައި ހިމެނެނީ: އަލީ އަޝްފާގު (ދަގޭ)، އިމްރާން މުހައްމަދު (ގޯލްކީޕަރު)، މުހައްމަދު އުމެއިރު، އަކުރަމް އަބްދުލް ގަނީ (އަކޫ)، މުހައްމަދު އާރިފް (ބަކާ)، ޝާފިއު އަހުމަދު (ޝަފީ)، މުހައްމަދު ޝިފާން (ކުޑައްޓޭ)، އަދި މުހައްމަދު ރަޝީދު (ހޮކޭ)އެވެ.

ބީ ކެޓަގަރީ ގައި ހިމެނެނީ: އަސަދުﷲ އަބްދުﷲ، އަލީ ފާސިރު (ސެންޓޭ)، އިސްމާއިލް އީސާ (މެސީ)، ހަސަން އަދުހަމް (ސަޑޭ)، އަހުމަދު އަބްދުﷲ (ލިލީ)، ރިލްވާން ވަހީދު (ރިލޭ)، އަހުމަދު ރަޝީދު (އައްމަޑޭ) އަދި ގޯލްކީޕަރު މުހައްމަދު އިމްރާން އެވެ.

ސީ ކެޓަގަރީ ގައި ހިމެނެނީ: އިބްރާހިމް ފަޒީލް (އޮއްޕޮ)، ފަރުހާދު އިސްމާއިލް (ފަރޭ)، އައްސަދު އަލީ (އަޑުބަރޭ)، ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ)، އަހުމަދު އިމާޒް (އާއްކޮ) އަދި ،ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.

މުސާރަ ނުލިބޭ ގޮތަށް ހަމަޖެހިފައިވާ ޑީ ކެޓަގަރީގައި ހިމެނެނީ: އަހުމަދު ނާޝިދު (ނާއްޓޭ) އާއި، މޫސާ ޔާމިން، ފައިރޫޒް އާދަމް ސަމީރު، އަހުމަދު ޒާދު އަދި އަމްދާން އަލީއެވެ.