ފަސްވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕާއި އަދި ސަތާރަވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕް ގައި ދިވެހިރާއްޖޭގެ ފަރާތުން ތަމްސީލުކުރާނޭ ގައުމީ ފިރިހެން އަދި އަންހެން ކެރަމް ޓީމަށް ކުޅުންތެރިން އިއުލާނު ކޮށްފިއެވެ.

ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ކެރަމް ދެ މުބާރާތުގައި ބައިވެރިކުރުމަށް ފިރިހެން ތިން ކުޅުންތެރިންގެ ޓީމަކާއި އަންހެން ތިން ކުޅުންތެރިންގެ ޓީމެއް ހޮވުމަށްޓަކައި ބޭއްވުނު ސިލެކްޝަން މެޗުތަށް ކާމިޔާބުކޮށްގެން ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިކުރާ ގައުމީ ފިރިހެން ޓީމުގެ ތިން ޖާގަ ކަށަވަރުކޮށްފައިވަނީ ޝާފީ މުހައްމަދާއި، ހަސަން ނާޒިމާއި އަދި އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ޝާމިނެވެ. ގައުމީ އަންހެން ޓީމުގެ ތިން ޖާގަ ކަށަވަރުކޮށްފައިވަނީ އައިޝަތު ފައިނާޒާއި އައިމިނަތު ނިފާޝާއާއި އަދި އައިމިނަތު ވިޝާމާއެވެ.

ފިރިހެން ޓީމު ހޮވުމަށް ތިން ނޮކްއައުޓް ސިލްކެޝަން މުބާރާތެއް ވަނީ ކުޅެފައެވެ. ކޮންމެ މުބާރާތެއްގެވެސް ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއާއަށް ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ލިބޭގޮތަށް ކުޅުނު ފުރަތަމަ ސިލެކްޝަން ކާމިޔާބުކުރީ ޝާފީ މުހައްމަދެވެ. ދެވަނަ ސިލެކްޝަން ކާމިޔާބުކުރީ ހަސަން ނާޒިމެވެ. އަދި ތިންވަނަ ސިލެކްޝަން ކާމިޔާބުކުރީ ހަސަން ޝާމިން އެވެ.

އަންހެން ޓީމު ހޮވުމަށްޓަކައި ލީގު އުސޫލުން ސިލެކްޝަނެއް ވަނީ ކުޅެފައެވެ. އެއްވަނަ ދެވަނަ އަދި ތިންވަނަ އަށްދާ ކުޅުންތެރިންނަށް ގައުމީ ޓީމަށް އެރުމަށް ފުރުސަތު ލިބޭގޮތަށް ކުޅެވުނު މި ސިލެކްޝަންގެ އެއްވަނަ ހޯދީ އައިޝަތު ފައިނާޒެވެ. ދެވަނަ ހޯދީ އައިމިނަތު ނިފާޝާއެވެ. އަދި ތިންވަނަ ހޯދީ އައިމިނަތު ވިޝާމާއެވެ.

ސަރަހައްދުގައި ބޭއްވޭ ކެރަމްގެ އެންމެ ބޮޑު ދެމުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ކަލްކަތާގައެވެ. އެގޮތުން 17 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފަސްވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަޔަކުން އެގާރައަށެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސާކް ކެރަމް މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަނގުލަދޭޝްގައެވެ. އަދި ދެއަހަރުން އެއްއަހަރު ބާއްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނި 2011 ވަނަ އަހަރު ރާއްޖޭގައެވެ.