ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ބަންޑާރަ ނާއިބް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރި ހުކުމްގައި ބުނަނީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ އެއްގޮތަށް އެ ހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ ހަތަރު ކުންފުންޏަށް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ަދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އެ ހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށްފައި ނުވަނީ ޕްރޮޕޯސަލްތައް ހުޅުވުމުގެ ބައްދަލުވުމަށް އެ ހަތަރު ކުންފުނީގެ ޕްރޮޕޯސަލްތައް ހިފައިގެން ދިޔަ މީހުންނަކީ ކުންފުނިން ފޮނުވި މީހެއްކަން އަންގައިދޭނެ ލިޔުމެއް ނެތުމުން ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން އެގޮތަށް ބުނާއިރު ޕްރޮޕޯސަލްތައް ހިފައިގެން އެތަކެތި ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީއަށް ދިޔަ މީހުން ހުށަހެޅި ޕްރޮޕޯސަލްތައް މިނިސްޓްރީގައި އެވަގުތު ހުރި މުވައްޒަފު ބަލައިގަތް އިރު އެއީ އެކުންފުނިތަކުން ފޮނުވި މީހުންކަން އަންގައިދޭނެ ލިޔުމެއް ނެތްކަމަށް ދެ ފަރާތުގެ ބަހުން އެނގޭ ކަމަށެވެ.

އެކަން އެގޮތަށް ހިނގާފައި އޮތްނަމަވެސް އެހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް ބަލައި ނުގަންނަ ކަމަށާއި އެ މަރުހަލާ އޮތީ މަޑުޖައްްސާލާފައި ކަމަށް ދައުލަތުން ބުނާއިރު ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭކަން ނުވަތަ ބަލައިގަތުމުގެ މަރުހަލާ މަޑުޖައްސާލާފައިވާކަން އިސްލާމިކް މިނިސްޓްރީން އެ ހަތަރު ކުންފުންޏަށް އަންގާފައިނުވާކަން އެނގޭން އޮންނަ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.