19 Apr 2013, 14:59
ރާއްޖެ ޓީވީގެ ޖާނަލިސްޓް އިބްރާހިމް ވަހީދު (އަސްވާޑް)އަށް މި އަހަރުގެ ފެބްރުއަރީ މަހުގައި ދަގަނޑުބުރިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން ފަރުވާހޯދުމަށް ސްރީލަންކާއަށް ދިއުމަށް ފަހު މިއަދު އެނބުރި މާލެ އަތުވެއްޖެއެވެ.
މިއަދު މެންދުރު 2:30 ހާކަށް ހާއިރު އަސްވާޑް ލަންކާއިން ރާއްޖެއަށް އައިސްފައިވާއިރު އޭނާއަށް ހެޔޮއެދޭ ފަރާތްތަކުންނާއި އެމްޑީޕީގެ ގިނަ ސަޕޯޓަރުންނާއި އެޕާޓީގެ އިސްފަރާތްތަކުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާޕޯޓްގައި ހުރެ ރާއްޖެ ޓީވީ އާއި ވާހަކަދައްކަމުން އަސްވާޑް ބުނީ އޭނާއަށް އެނބުރި ރާއްޖެ އާދެވުނީތީ ވަރަށް އުފާކުރާ ކަމަށާއި އެކަމާ ﷲ އަށް ހަމްދުކުރާ ކަމަށެވެ. އަދި އޭނާއަށް ދިން ހަމަލާއަކީ ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށާއި ނަމަވެސް އޭނާ ނޫސްވެރިކަން ކުރުން މަތީ ސާބިތުވެ ހުންނާނެ ކަމަށެވެ.
އާޓިފިޝަލް ބީޗް ކައިރިން އަސްވާޑަށް ހަމަލާދިނުމުގެ ސަބަބުން އޭނާގެ ބޮލަށާއި މޫނަށް ސީރިޔަސް ޒަހަމްތަކެއް ލިބުނެވެ. އަދި އޭނާގެ ދަތްދޮޅީގެ ކަށިގަނޑާ ދިމާއިން ފަޅައިގެން ދިއުމުގެ އިތުރުން އޭނާގެ ކަނާތު ލޮލުގެ އެތެރެއަށް ލޭ އެޅުމުގެ ސަބަބުން ފެނުމަށް ވެސް ވަނީ އަސަރުތަކެއް ކޮށްފައެވެ. ލަންކާއިން ފަރުވާ ހޯދުމަށް ފަހު އަސްވާޑް މިއަދު މާލެ އައި ނަމަވެސް އަދިވެސް އޭނާ އެއްކޮށް ރަނގަޅު ނުވާކަމަށް އޭނާ މަސައްކަތް ކުރާ ރާއްޖެ ޓީވީން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ އަސްވާޑަށް ހަމަލާދިން ދެ މީހުން ހޯދައި، އެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފައެވެ. ފުލުހުން ބުނާ ގޮތުގައި އަސްވާޑަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ މ. ކެރިންލައިޓްއުތުރުބައި، އަޙްމަދު ވިޝާން 22، އާއި ގ. ފެހިމާ، ޙަސަން ރައިހާން 19، އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޔުނިޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ އަސްވާޑަށް ދީފައިވާ ހަމަލާއަކީ ބަޔަކު ދުރާލައި ރާވައިގެން ހިންގައިފައިވާ ވަރަށް ބޮޑު ޒަރީމާއެއް ކަމަށް ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ. އަދި އޭނާއަށް ދިން ހަމަލާއަކީ ސީދާ ނޫސްވެރިކަމަށް އަމާޒު ކޮށްގެން ދިން ހަމަލާއެއް ނޫން ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.