ކުރިއަށް އޮތް އިންތިޚާބުތަކަށް ވީހާ ވެސް ގިނަ ޒުވާނުންނާއި ޚާއްޞަކޮށް، އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު އެދިވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެމަނިކުފާނު މާލެއަތޮޅު ހުރައަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންނަކީ ބަދަލަށް ބޭނުންވާ ބައެއްކަން ފާހަގަކުރައްވަމުން، މިހާރު ރާއްޖޭގެ ކަންކަން ކުރިއަށްދާގޮތުން، ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުން، ރާއްޖެ އަވަސް ސްޕީޑެއްގައި ތަރައްޤީވާން އެބަ ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ޒުވާނުންނަށާއި ޢާއިލާތަކަށް މިޒަމާނުގެ އެކިއެކި ޚިދްމަތްތަކާއި ދިރިއުޅުމުގެ ފަސޭހަތައް ލިބުމަކީ ބޭނުންވާ ކަމެއް ކަމަށާއި އެކަންކަން އަވަސްކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރެވޭނީ، ރައްޔިތުން ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ. އަދި ޚާއްޞަކޮށް، ޒުވާނުންގެ ވިސްނުމާއި އެހީތެރިކަން މިކަމުގައި ސަރުކާރަށް ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރަށްރަށުގެ ތަރައްގީގައި އަންހެން ބޭފުޅުން އަދާކުރައްވާ ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރަށްރަށުގައި މިހާރު އުފެދިފައިވާ އަންހެނުންގެ ކައުންސިލްތައް ވަރުގަދަކޮށް، ކައުންސިލްތަކަށް އާމްދަނީ ލިބޭނެގޮތް ހެދުމަށް، މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި އެކަންކަން ކުރެވޭނީ ޒުވާނުންނާއި އަންހެން ބޭފުޅުންގެ ޚިޔާލު ހޯދައިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޒަމާނުއްސުރެ ރަށްރަށުގެ ރައްޔިތުންނާއި، އެރަށްރަށް ހިންގަވަން ތިއްބެވި ވެރިން ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން އެރަށްރަށަށް ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކުވެރިކަމާއި އެއްބާރުލުން އޮވެ، ޙަރަކާތްތެރި ރައްޔިތުން ތިބޭ ތަނެއްގައި، ތަރައްޤީގެ ކަންކަން ކުރިއަށް ގޮސްފައިވާ ކަމަށާއި އެގޮތުން ފާހަގަކޮށްލެވޭ ރަށްރަށް ރާއްޖޭގައި އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ހުރައަކީ މިފަދަ ނަމޫނާ ރަށެއް ކަމަށާއި ތަފާތު ފިކުރުތަކުގެ ބޭފުޅުން ރަށުގައި އުޅުއްވި ނަމަވެސް، ފެންނަމުންދަނީ ރަށުގެ އެކިކަންކަމުގައި، ރަށުގެ ތަރައްޤީއަށްޓަކައި އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ ޙާލަތު އޮތްގޮތުގެ މައްޗަށް ބައްލަވާލައްވައި، މިވޭތުވެދިޔަ ތާނގައި ކުރެއްވި މަސައްކަތްތަކުގެ ސަބަބުން މިއަދު ޤައުމުގައި ވަނީ ހަމަޖެހުން ޤާއިމް ކުރެވިފައި ކަމުގައި ވިދާޅުވި އެވެ. މިއަދު ސިޔާސީ ހުރިހާ ބޭފުޅުންގެ ވިސްނުންފުޅު ހުރީ އިންތިޚާބަށް ކަމަށާއި އެއީ އެކަން އޮންނަންވާނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުރައަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ޓަކައި މިހާރު ހިނގަމުންދާ ކަންކަމާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދެވި އެވެ.