އިސްލާމް އާބާދު (އެޕްރީލް 19): ޕާކިސްތާނުގެ ކޯޓަކުން ހައްޔަރު ކުރުމުގެ އަމުރު ނެރުމާ އެކު ކުއްލި ގޮތަކަށް ފިއްލެވި އެގައުމުގެ ކުރީގެ ރައީސް އަދި ސިފައިންގެ ކުރީގެ ކޮމާންޑަރުޖެނެރަލް ޕަރުވޭޒް މުޝައްރަފް އަތުލައިގަނެ މިއަދު ހެނދު އޭނާ ހައްޔަރުކޮށްފި އެވެ.

ޕާކިސްތާން ފުލުހުން ބުނީ މުޝައްރަފް އަތުލައިގަތީ އިސްލާމް އާބާދުގެ ސަރަހައްދެއްގައި ފިއްލަވައިގެން އުޅުއްވަނިކޮށް ކަމަށާއި މުޝައްރަފް ހައްޔަރުކުރުމަށް ފަހު ފުލުހުންގެ އޮފްސަރުންގެ ބެލުމުގެ ދަށުން އޭނާ މިހާރު ކޯޓަށް ޙާޒިރުކޮށްފައިވާ ކަމުގަ އެވެ. މުޝައްރަފް ހައްޔަރުކުރުމުގެ އަމުރު އިސްލާމް އާބާދުގެ ކޯޓަކުން އިއްޔެ ނެރެފައި ވަނީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ކޯޓުތަކަށް ގޮންޖައްސަވައި ބައެއް ފަނޑިޔާރުން ގަވާއިދާ ޚިލާފަށް މަޤާމުން ދުރުކޮށްފައިވާ މައްސަލާގައި މުޝައްރަފް، ޕާކިސްތާނުގެ ދަސްތޫރާ ޚިލާފުވެވަޑައިގެންފައިވާކަމުގެ ތުހުމަތުގަ އެވެ.

މިމައްސަލާގައި މުޝައްރަފް ހައްޔަރު ކުރުމުގެ އަމުރު އިސްލާމް އާބާދުގެކޯޓަކުން އިއްޔެ ނެރުނު ކަމަށްވަނީ އެކޯޓުގައި އޭނާ ހުންނަވަނިކޮށެވެ. ކޯޓު އަމުރާއެކު މުޝައްރަފު އެނާގެހަށިފާރަވެރިންގެ އެހީގައި ކުއްލިގޮތަކަށްކޯޓުން ނުކުމެވަޑައިގެން އުންޑަނާރާ ބާވަތުގެ ކާރެއްގައިފިއްލެވި މަންޒަރު ސިފަކުރެވެނީ ފިލްމީ މަންޒަރެއްގެ ގޮތުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ޕާކިސްތާން ފުލުހުން މިއަދު ހެނދުނު މުޝައްރަފް އަތުލައިގަތް ކަމަށް ވަނީ އިސްލާމް އާބާދުގެ ޢިމާރާތެއްގައި ފިލައިގެން އޮންނަވަނިކޮށް ކަމަށްވެ އެވެ. ފުލުހުން، މުޝައްރަފްހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާ އެކީގައި ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ.

ހަތަރު އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މާޗް މަހު، މުޝައްރަފް އެނބުރި ގައުމަށް ވަޑައިގަތީ އަންނަ މޭމަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށެވެ. ގައުމަށް އެނބުރި ވަޑައިގެންނެވި އިރު މުޝައްރަފްގެ މައްޗަށް ދެ ދައުވާއެއް އުފުލި އޭގެތެރެއިން އެއް ދަޢުވާއާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ކޯޓުއަމުރެއް ވެސް ނެރެފައިވެ އެވެ. ނަމަވެސް ކަފާލާތުގެ ދަށުން މުޝައްރަފް ހައްޔަރުކުރުން ވަނީ ފަސްކޮށްފަ އެވެ. މުޝައްރަފްގެމައްޗަށް ކުރެވިފައިވާ އެއްދަޢުވާއަކީ ބަލޫޗިސްތާނަށް ނިސްބަތްވާޕާލަމެންޓް މެންބަރެއްކަމަށްވާ ނަވާބު އަކްބަރުޚާން އަވަހާރަކޮށްލުމުގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމުގެ ދައުވާ އެވެ. އަނެއް ދައުވާއަކީ ތާލިބާނުންގެ ހަމަލާއެއްގައި އަވަހާރަކޮށްލި ކަމަށް ބެލެވިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫއަށް ޕާކިސްތާނުގެ ސަލާމަތީބާރުތަކުން ދޭން ޖެހޭ ޙިމާޔަތާއި ރައްކާތެރިކަން މުޝައްރަފްގެ ވެރިކަމުގައި ގަސްދުގައި ނުދިންކަމަށް ކުރެވޭ ދައުވާ އެވެ.

މީގެ އިތުރުން ވެސް މުޝައްރަފްގެ ވެރިކަމުގައި ދެފަހަރެއްގެ މަތިން ޕާކިސްތާނުގެ ދަސްތޫރާ ޚިލާފު ވަޑައިގަތުމާ އަދި އުއްތަމަފަނޑިޔާރު އިފްތިޚާރު ޗައުދަރީ މަޤާމުން ދުރުކުރުމުގެ މައްސަލައިގެ ދައުވާއާ ވެސް މުޝައްރަފްވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

ޖެނަރަލް ޕަރުވޭޒް މުޝައްރަފް، ޕާކިސްތާން ސިފައިންގެ އެންމެ އިސް ކޮމާންޑަރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޕާކިސްތާނުގެ ވެރިކަމަށް އިސްވެވަޑައިގެންނެވީ 1999 ވަނަ އަހަރު އޭރުގެ ޕާކިސްތާނުގެ ބޮޑުވަޒީރުމުޙައްމަދު ނަވާޒް ޝަރީފްގެ ދިމުޤްރާތީ ވައްޓާލައި ގެންނެވިލޭއޮހޮރުވުމެއް ނެތް ޢަސްކަރީ އިންޤިލާބެއްގަ އެވެ. އެއަށް ފަހު ރައްޔިތުންގެ ފިއްތުންތަކާ ގުޅިގެން މަޖްބޫރީ ޙާލަތުގައި މުޝައްރަފް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންވަނީ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ މުޝައްރަފް އަވަހާރަކޮށްލާނެ ކަމަށްބުނެ މުޝައްރަފަށް މަރުގެ އިންޒާރު ދީފަ އެވެ. ނަމަވެސް މުޝައްރަފް ވަނީ ތާލިބާނުންގެ މިއިންޒާރަށް ގޮންޖައްސަވައި މިދިޔަ މާޗް މަހުގެ 24 ގައި އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)