19 Apr 2013, 13:42
ޤާހިރާ (އެޕްރީލް 19): ކޯޓު ޙުކުމެއް ތަންފީޒު ނުކުރެއްވުމުގެ ސަބަބުން މިސްރުގެ ބޮޑުވަޒީރު ހިޝާމް ޤިންދީލް އެއް އަހަރަށް ޖަލަށްލުމަށް ޤާހިރާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
މިސްރުގެ ޓެކްސްޓައިލް ކުންފުންޏަކާގުޅޭ ގޮތުން ކޯޓުން ކޮށްފައިވާ ޙުކުމެއް މިސްރު ސަރުކާރުން ތަންފީޒު ނުކުރުމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ޤިންދީލް ކަމަށް މިޙުކުމް ބުނެ އެވެ. މިޙުކުމްގައި މިސްރުގެ ބޮޑުވަޒީރުކަމުން ޤިންދީލް ވަކިކުރަންޖެހޭނެ ކަމަށާއި މިސްރު ޕައުންޑުގެ ދެހާސް ޕައުޑުން އޭނާ ޖޫރިމަނާ ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ގިންދީލްގެ މައްޗަށްކުރި މި ޙުކުމަކީ ކަފާލާތް ދައްކައިފި ނަމަ ތަންފީޒުކުރުން ހުއްޓުވޭނެ ހުކުމެކެވެ.
އެހެންކަމުން ކަފާލާތު ދެއްކެވުމުގެ ސަބަބުން ގިންދީލްގެ މައްޗަށް މިޙުކުމް ތަންފީޒު ނުކުރުމަށް ކޯޓުން މިހާރު އަމުރުކޮށްފައިވާ ކަމަށް ޚަބަރުލިބެ އެވެ. މިފަދަ މައްސަލަތަކުގައި މިސްރުގެ ޝަރުޢީ ދާއިރާއިން އެގައުމުގެ އިސްވެރިން ޖަލަށްލުމަށް މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރު ވެސް ޙުކުމްކޮށްފައިވެ އެވެ. ނަމަވެސް އެބޭފުޅުން ކަފާލާތު ދެއްކެވުމުގެ ސަބަބުން ޙުކުމް ތަންފީޒު ނުކުރެވޭ ގޮތަށް ކޯޓުންވަނީ ހަމަޖައްސާފަ އެވެ. މިސްރުގެ އިޤްތިސާދު އިސްލާޙް ކުރުމުގެ ގޮތުން ރައީސް މުހައްމަދު މުރުސީގެ ސަރުކާރުން ކުރިޔަށްދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމުގެ ދަށުން މިސްރުގެ ސަރުކާރުގެ 100 އިންސައްތަ ހިއްސާއޮންނަ ކުންފުނިތަކުގެ ތެރެއިން އެއްބައި ކުންފުނިތައް ޕްރައިވެޓައިޒް ކުރަމުން ގެންދާއިރު އަނެއްބައި ކުންފުނިތައް ގެންދަނީ ސަރުކާރުގެ ހިއްސާގެ އިތުރުން އާންމުންގެ ހިއްސާ އޭގައި ހިމެނުމަށް ޓަކައި ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ޕަބްލިކް ކުންފުނިތަކަކަށް ބަދަލުކުރަމުންނެވެ.
މިޕްރޮގްރާމް ދަށުން ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަމުގެ ތެރޭގައި ޤާނޫނާ ޚިލާފު އެތަށް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މިމައްސަލަތަކާ ގުޅިގެން މިސްރުގެ އިސް އެހެން ބައެއް މަސްއޫލުވެރިންގެ މައްޗަށް ވެސް ޖަލަށްލުމާއި ޖޫރިމަނާ ކުރުމުގެ ޙުކުމްތަކެއް ކޮށްފައިވެ އެވެ. ނަމަވެސް މިއީ ކަފާލާތު ދައްކައިފި ނަމަ ޙުކުމް ތަންފީޒު ނުކުރެވޭގޮތަށް ކުރެވޭ ޙުކުމްތަކެއް ކަމަށްވާތީ އެބޭފުޅުން ކަފާލާތު ދެއްކެވުމުގެ ސަބަބުން ޙުކުމް ތަންފީޒު ކުރުމުންވަނީ ސަލާމަތް ވެވަޑައިގެންފަ އެވެ. (އަލްޖަޒީރާ)