ދިމިޝްޤު (އެޕްރީލް 19) : އަލްޤާޢިދާގެ ހަނގުރާމަވެރިންނަށް ހުޅަނގުން އެހީތެރިވާ ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ތުހުމަތު ކުރައްވައިފި އެވެ.

ބައްޝާރު ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާގެ ހަނގުރާމަވެރިން ހިމެނޭއިރު އެމީހުންނަށް ހުޅަނގުން އެހީތެރިވުމަކީ އަލްޤާޢިދާއަށް އެހީތެރިވުން ކަމުގަ އެވެ. ސޫރިޔާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ބައްޝާރު ވިދާޅުވީ އޭނާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާއަށް ނިސްބަތްވާ ފަރާތްތައް ހިމެނޭކަން ހުޅަނގަށް ވެސް ކަށަވަރުވެފައިވާ ކަމުގަ އެވެ.

މިއާއެކު ވެސް އެފަރާތްތަކަށް އެހީތެރިވުމުގައި ހުޅަނގުން ކުރިޔަށްދާކަމީ ހުޅަނގުން އަލްޤާއިދާއަށް އެހީތެރިވާ ކަމުގެ ހެއްކެއް ކަމަށް ބައްޝާރު ވިދާޅުވިއެވެ. ބައްޝާރު ވިދާޅުވީ ހުޅަނގުން ޓެރަރިޒަމާ އިދިކޮޅު ނަމުގައި ގައުމުތަކަށްއަރައި ބައެއް ގައުމުތައް ސުންނާފަތިކޮށްފައިވާއިރު ސޫރިޔާގެ ޙާލަތުގައި ހުޅަނގުން ޓެރަރިޒަމަށް އެހީތެރި ވަނީ ކަމުގަ އެވެ. ބައްޝާރުގެ ޚުދުމުޚްތާރު ވެރިކަމާދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށް ބައްޝާރުގެ ސަރުކާރުން ތުހުމަތު ކުރެ އެވެ. އޭނާ ވިދާޅުވީ ހުޅަނގުން ސޫރިޔާގެ ހަނގުރާމަވެރިންނަށް އެހީތެރިވުމަކީ ޓެރަރިޒަމަށާއި އަލްޤާއިދާއަށް އެހީތެރިވުން ކަމަށާ އެކަމުގެ ހިތިނަތީޖާއާ ހުޅަނގު ކުރިމަތިލާންޖެހޭނެ ކަމުގަ އެވެ.

ބައްޝާރު ވާހަކާގައި އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާއިދާގެ ހަނގުރާމަވެރިން ހިމެނޭކަން މިހާރު މުޅިދުނިޔެއަށްވެސް ކަށަވަރުވެފައިވާ ކަމަށް ވިދާޅުވި އެވެ. މިއާއެކު ވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ތާއީދާއި އެއްބާރުލުމާއި ހަތިޔާރާއި ފައިސާގެ އެހީތައް ދެމުންގެންދާ ދިޔުމަކީ މިކަމުގެ އަގު މުސްތަޤްބަލްގައިހުޅަނގުން ވަރަށް ހިތިގޮތެއްގައި ދައްކަންޖެހޭނެ ކަމަށްވިދާޅުވިއެވެ.

ހުޅަނގުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ދެމުންގެންދާ އެހީތެރިކަމަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސިފައިންނާ ދެކޮޅަށް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ މުޖާހިދުންނަށް ދިންއެހީތެރިކަންފަދަ ކަމެއް ކަމަށް ސިފަކުރައްވަމުން ބައްޝާރު ވިދާޅުވީ އަފްޣާން މުޖާހިދުން ފަހުން ބަދަލުވެގެންދިޔައީ ތާލިބާނުންނާއި އަލްޤާޢިދާއަށް ކަމަށާ މިކަމުގެ އަގު ވަރަށް ވޭންދެނިވިގޮތެއްގައި އެމެރިކާއާއި ޔޫރަޕަށް ދައްކަންޖެހުނު ކަމުގަ އެވެ.

ބައްޝާރު މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ޖަމާއަތެއް ކަމަށްވާ "އައްނުޞްރާ" ފްރަންޓުން އަލްޤާޢިދާގެ ޒަޢީމް އައިމަނުއްޒަވާހިރީ އާ ރަސްމީކޮށް ބައިޢަތު ހިފިކަން މިދިޔަ ހަފްތާގައި އިއްލާން ކޮށްފައިވަނިކޮށެވެ. އައްނުސްރާ ފްރަންޓްގެ މިޢަމަލު ސޫރިޔާގެ އިދިކޮޅު ކޯލިޝަންގެ ވެރިޔާ މުޢާޛުލްޚަތީބް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އަލްޤާއިދާއާ ގުޅުން ބޭއްވުމަކީ ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުން ގެންދާ ޖިހާދުގެ ނަންހުތުރު ވެގެންހިނގައިދާނެ ކަމެއް ކަމަށް ސިފަކުރައްވައި އޭނާވަނީ އަލްޤާޢިދާއާ ގުޅުން ނުބޭއްވުމަށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ގޮވާލައްވާފަ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އައްނުސްރާ ޖަމާއަތުން ޒަވާހިރީ އާ ބައިޢަތު ހިފިމައްސަލާގައި ސޫރިޔާގެ ހުރިހާ ހަނގުރާމަވެރި ޖަމާއަތްތަކާ އަލްޤާޢިދާ ގުޅުވާލުމަށް ބައްޝާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅު ލީޑަރު މުޢާޛުލްޚަތީބު ވަނީ ތުހުމަތު ކުރައްވާފައެވެ. އަލްޚަތީބު ވިދާޅުވީ މިފުރްސަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ބައްޝާރުގެ އަނިޔާވެރިވެރިކަމުގެ ޙަޤީޤަތް އޮޅުވާލުމަށް އޭނާ މަސައްކަތްކުރެއްވި ނަމަވެސް ސޫރިޔާގެ މައްސަލައިގެ ޙަޤީޤަތަކީ އަލްޤާޢިދާ ނޫންކަމާއި އެމައްސަލައިގެ ހަޤީޤަތަކީ ބައްޝާރުގެ އަނިވެރި އަދި ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމު ކަމަށްވެސް އަލްޚަތީބު ވިދާޅުވިއެވެ. (އަލްޖަޒީރާ)