ވޭތުވެ ދިޔަ ފެބްރުއަރީ މަހާއި މާޗް މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު ރާއްޖެ އަށް ވަނީ އޭ ރިޕޯޓް ލިބިފައި ކަމަށާއި ކުރިއަށް އޮތް މަސްތަކުގައި ވެސް އޭ ރިޕޯޓް ހޯދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ސަން އޮންލައިނަށް ވިދާޅުވީ ވޭތުވެ ދިޔަ ދެ މަހު ވެސް ރާއްޖެ އަށް ޓޫރިސްޓުން އައި މިންވަރަށް ބަލާއިރު އޭ ރިޕޯޓް ލިބިގެންދިޔަ ކަމަށާއި އަދި މި އަހަރުގެ ކުރިއަށް އޮތް މަސްތަކުގައި ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި އެކަމަށް ޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ މާޗް މަހަށް ބަލާއިރު ލިބިފައި އެ ވަނީ އުފާވެރި ހަބަރުތަކެއް. އެގޮތުން ހުރިހާ މާކެޓްތަކަކުން އެ ވަނީ ރަނގަލުވެފައި. އެހެންކަމުން އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑުމެނަށް އޭ ރިޕޯޓް ލިބުނު ކަމެކޭ. ކުރިއަށް އޮތް ތަނުގައި ވެސް އޭ ރިޕޯޓް ހޯދާނަމޭ،" މަލީހު ވިދާޅުވި އެވެ.

މިދިޔަ މަހު ރާއްޖެ އަށް 99498 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 76469 ޓޫރިސްޓުންނެވެ. އެއީ 30 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ޔޫރަޕުން ރާއްޖެއައި ޓޫރިސްޓުންގެ މިންވަރު 12 ޕަސެންޓް އިތުރުވެފައިވާ އިރު އޭޝިއާ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ މިންވަރު ވަނީ 84.7 ޕަސެންޓް ކުރިއަރައިފަ އެވެ. އަދި އެމެރިކާ ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު 42.9 ޕަސެންޓް އިތުރުވެފައިވެ އެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިހާ ބޮޑު ކުރިއެރުންތަކެއް މިއަންނަނީ ދުރާލާ ރޭވިގެން ޓޫރިޒަމް މިނިސްޓްރީ ކުރިއަށްގެންދާ ހަރަކާތްތަކުން ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓުގެ ތާށިކަމާ އެކު ވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ޑޮކިއުމަންޓްރީ ފިލްމްތަކާއި ރޯޑް ޝޯތައް ބޭއްވުމާއި ތަފާތު ފެއާތަކުގައި ވެސް ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ސެލެބުރިޓީ އިން ރާއްޖެ ގެނައުމަށް ޓަކައި ވެސް ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މަލީހު ވިދާޅުވި އެވެ.