ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ގަނެދޭ ސްކީމެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މިއަދު ތައާރަފް ކޮށްފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ކޮންޒިއުމާ ފެއާ 2013ގެ ތެރެއިން "ކޮންސްޓްރަކްޝަން މެޓީރިއަލް ފައިނޭންސިން"ގެ ނަމުގައި އެމްއައިބީއިން މިއަދު ތައާރަފްކުރި ސްކީމަކީ އިސްލާމީ އުސޫލުން މުދާ ގަނެއްވިއްކާ އުސޫލުގެ ދަށުން އެބޭންކުން މިހާރުވެސް ކުރިއަށް ގެންދާ ފަރުނީޗަރު ގަނެ ދިނުމާއި، މޯބައިލްފޯން ގަނެދޭ ސްކީމްގެތެރެއަށް އިތުރުވި ބޮޅެކެވެ.

އެމްއައިބީއިން ބުނިގޮތުގައި މިއަދު އަލަށް ތައާރަފް ކުރެވުނު ސްކީމްގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ މުދާގަތުމަށް ފޯރުކޮށްދެވޭނޭ އެންމެ ބޮޑު އަދަދަކީ 100000 ރުފިޔާއެވެ. އަދި އެ ސްކީމްގެ ދަށުން ދޫކުރާނޭ އެންމެ ކުޑަ އަދަދަކީ 20000 ރުފިޔާއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ދެވޭ އެންމެ ކުރުމުއްދަތަކަށް ހަމަޖައްސާފައިވަނީ ހަ މަސް ދުވަސް ކަމަށާއި އެންމެ ދިގު މުއްދަތަކީ 18 މަސްދުވަސްކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެމްއައިބީގެ ކޮންސްޓްރަކްޝަން މެޓީރިއަލް ފައިނޭންސިން ސްކީމުގެ ދަށުން މުދާ ގަންނަ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި އުމުރުން 21 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއި އެމްއައިބީއިން ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރަމުން އަންނަތާ ދެ އަހަރުވެފައި ވުމާއި، މުސާރައިގެ ގޮތުގައި މަދުވެގެން 4000 ރުފިޔާ ލިބޭ ފަރާތަކަށް ވުމާއި، އަދި ވޭތުވެ ދިޔަ ހަމަސް ދުވަހުގެ ތެރޭގައި ލިބުނު އެވްރެޖް މުސާރަ 7000 ރުފިޔާއަށް ވުރެ މަދުނުވުން ހިމެނެއެވެ.

މިފަދަ ސްކީމެއް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދުގެ ތެރޭގައި މާލެއާއި ރަށްރަށުގައި ގެދޮރު އިމާރާތް ކުރަން ފެށުމަށްފަހު ފައިސާގެ ދަތިކަމުގެ ސަބަބުން އެފަދަ ތަންތަން ނިންމާ ނުލެވި ތިބޭ ފަރާތްތަކަށް އެފުރުސަތު ތަނަވަސް ކޮށްދިނުން ހިމެނޭކަމަށް ވެސް އެމްއައިބީން ބުންޏެވެ.

އަދި އޭގެއިތުރުން މަލޭގައި ކުއްޔަށް ދޭ ތަންތަން މަރާމާތުކޮށް ނިންމާނުލެވި ތިބި ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ ވެސް އެ ސްކީމްގެ މަގުސަދެއްކަމަށް ވެސް އެމްއައިބީން ބުންޏެވެ.

އެމްއައިބީގެ ކޮންސްޓްރަކްޝަން މެޓީރިއަލް ފައިނޭންސިން ހިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ޕޯސްޓް ބިލްޑިންގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެބޭންކުގެ ކޮންސިއުމާ ފައިނޭންސިން ޑިޕާޓްމަންޓުން ލިބެންހުންނާނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.