18 Apr 2013, 22:19
ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ އެއްބަސްވުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ކަނޑައަޅައިފައި ވަނީ އެ އެއްބަސްވުމުގެ ޓެންޑަރިން ޕްރޮސެސްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އެ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުނުގޮތަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ނުވާތީ އިސްތިއުނާފު ކުރި އެ މައްސަލައިގެ ހުކުމް ހައިކޯޓުން އިއްވާފައި ވަނީ މިއަދު އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތަށް ހުކުމްކުރަންޖެހުނީ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލަން އެންގުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަނަށް ލިބިގެންނުވާ ކަމަށް އެ ކޯޓުގެ އެހެން ގަޒިއްޔާ އަކުން ހުކުމް ކޮށްފައިވާތީ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ދެ މައްސަލައަކީ ވެސް ތަފާތު ދެ މައްސަލައެއް ކަމަށާއި އަދި އެ ދެ މައްސަލައިގެ ނިންމާ ނިންމުމުގެ ނަތީޖާ ވެސް ތަފާތުވާނެ ކަމަށެވެ.
އެއީ މުޅީން ތަފާތު ދެ މައްސަލައަކަށްވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ކުރި އެ ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ އަލުން މައްސަލަ ބަލައި ހުކުމް އިއްވަންޖެހޭނެ ކަމަށް ވެސް ހައިކޯޓުން ވަނީ މިއަދު ކަނޑައަޅައިފަ އެވެ.
ބޯޑާކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެންގުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްތިއުނާފު ކުރި އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށްފަ އެވެ.