18 Apr 2013, 21:38
މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގެ ރަޖިސްޓަރީގައިވާ މީހުންގެ މައުލޫމާތު އެއްކުރުމަށް ރޯޑުއިވެންޓެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރޯޑުއިވެންޓު އޮންނާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 10:00 އަށް ރާޅުގަނޑު ސަރަހައްދުގައާއި މާލޭގެ އެކި މަގުތަކުގައި ކަމަށެވެ.
އެ އިވެންޓުގެ މައިގަނޑު މަގުސަދަކީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްޓަކައި، މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގެ ރަޖިސްޓަރީގައިވާ މީހުންގެ މައުލޫމާތު ހޯދުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެ ރޯޑްއިވެންޓްގެ އަލީގައި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނަށް އެމީހުން ދިރިއުޅޭ ގެއަކާއި ކައިރީގައި ހުރި ވޯޓު ފޮށްޓަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މަދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 10:00 އާ ހަމައަށް ރާޅުގަނޑު ސަރަހައްދުގައި އެ ކޮމިޝަނުގެ ސްޓޯލެއް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އެ ސްޓޯލަށް ޒިޔާރަތްކުރުމުން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގެ ރަޖިސްޓަރީގައިވާ މީހުންގެ މައުލޫމާތު ފޯމު ފުރުމަށްފަހު ވަގުތުން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މީގެއިތުރުން ރިޔާސީ އިންތިޚާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ނަން ހިމެނިފައިވަނީ ރަނގަޅަށްތޯ ޗެކްކޮށްދިނުމާއި، ގޭގެއަށް ރައްދުކުރެވިފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުތައް ބަލައިގަތުމާއި އިންތިޚާބުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއްވެސް އެ އިވެންޓުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގެ ރަޖިސްޓަރީގައިވާ މީހުން މިހާރު ދިރިއުޅޭ އެޑްރެސް އިލެކްޝަންސް ކޮމިޝަނަށް އެންގުމަކީ ގާނޫނީގޮތުން ލާޒިމްކޮށްފައިވާ ކަމެއްކަމަށް ވާތީ އެފަދަ ފަރާތްތަކުން، މިހާރު ދިރި އުޅޭ އެޑްރެސް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެންގުމަށް އެ ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.