17 Mar 2010, 11:12
14:30
ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މާލޭގެ އިންފްލޭޝަން ރޭޓް 0.94 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ.
ނެޝެނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ފެބްރުއަރީ މަހުގެ މާލޭގެ ކޮންސިއުމަރ ނުވަތަ ސީޕީއައިން ދައްކާ ގޮތުން މައިގަނޑު ގޮތެއްގައި އަގު ބޮޑުވެފައި ވަނީ މަހުގެ ބައިންނާއި ކާބޯތަކެތީގެ ބައިނާއި ސިއްހީ ހިދުމަތުގެ ބައިންނެވެ. އެގޮތުން ފެބްރުއަރީ މަހު މަހުގެ ބައިގެ އިންފްލޭޝަން ރޭޓް 10.09 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ.
ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހުގެ އެހެނިހެން ކަނޑުމަހުގެ އަގު ވަނީ 40 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ކަޅުބިލަމަހުގެ އަގު 25 ޕަސަންޓް އަދި ވަޅޯމަހުގެ އަގު 18 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.
ފެބްރުއަރީ މަހު ކާބޯތަކެތީގެ ބާވަތްތަކުގެ ބައިން އިންފްލޭޝަން ރޭޓް ވަނީ 1.20 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ކަނޑުމަހުގެ ބާވަތްތަކާއެކު މިބައިގެ އިންފްލޭޝަން 2.34 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ވެސް ޕްލޭނިން ޑިޕާޓްމަންޓުން ބުނެ އެވެ.
ހުސްވި ފެބްރުއަރީ މަހު ސިއްހީ ހިދުމަތުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ 2.36 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ މަހާ އަޅާބަލާއިރު އަމިއްލަ ބައެއް ކްލިނިކް ތަކުން ޑޮކްޓަރަށް ދެއްކުމުގެ އަގު 8 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 5.83 ޕަސެންޓް މަތިވެފަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ މިއަދަދު ވަނީ 5.74 ޕަސެންޓް މަތިވެފައި ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.