ލ. ގަމުގައި ބާރު ދުވެލީގައި ދުއްވާފައި ކާރެއް މަގު ބައްތި އެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ކާރު ދުއްވަން އިން ޒުވާނާއަށް އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ އެވެ.

ލ. ގަމު ކައުންސިލްގެ ރައީސް ހުސެއިން މޫސާ ސަންއަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 2.45 ހާއިރު އެރަށު ސިނާއީ މަގުން ބާރު ދުވެލީގައި ދުއްވާފަދިޔަ ކާރު އެމަގުގައި އިން މަގު ބައްތިއެއްގައި ޖެހިގެން ކަމަށެވެ. އަދި އެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

"ކާރަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވެފައި، ދެން މަގުމަތީގައި އިން މަގުބައްތިވެސް ވަނީ އޭގެ ބުޑާއެކު ނެއްޓިފަ، ނަމަވެސް ދުއްވަން އިން ކުއްޖާއަށް ގެއްލުމެއްނުވޭ" ހުސެއިން މޫސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާއެއް ނުލިބި ސަލާމަތްވެފައިވަނީ އުމުރުން 19 ވަރަކަށް އަހަރުގެ ފިރިހެން ޒުވާނަކު ކަމަށެވެ. އަދި އޭނާގެ އަކީ ކާރު ދުއްވުމުގެ ލައިސެންސް އޮތް މީހެއްކަމެއް ނުވަތަ ނެތް ކަމެއްވެސް ބުނަން ނޭނގޭކަމަށް ވިދާޅުވިއެވެ.