18 Apr 2013, 17:27
އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކަށް ގުރުއަތަކާ ނުލައި ފްލެޓް ލިބޭނެ ގޮތް ހަމަޖެހިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ގުރުއަތަކާ ނުލައި 16 މީހުންނަށް ހައުސިން ޔުނިޓް ލިބުނީ 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ކަމަށެވެ.
މޭޔަރު ވިދާޅުވީ ފްލެޓްތައް ދޫކުރާ ގޮތުގެ އުސޫލު މީގެކުރިން އިއުލާންކޮށްފައިވާނެ ކަމަށާއި އެ އުސޫލުގައި މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ގުރުއަތަކާ ނުލައި ފްލެޓް ހަވާލުކުރެވޭނެ ކަން ބަޔާން ކޮށް ހިމަނައިފައި އޮންނާނެ ކަމަށެވެ.
ހައުސިން ޔުނިޓުތަކަށް 339 ފަރާތަކުން ކުރިމަތިލައިފައިވާ ކަމަށާއި ނަމަވެސް އޭގެތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ޖުމްލަ 16 ފަރާތަކަށް ކަމަށް ވެސް މޭޔަރު ސޯބެ ވިދާޅުވި އެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ ބާކީ ހުރި ނުވަ ހައުސިން ޔުނިޓަށް 65 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން 79 ފަރާތެއް ގުރުއަތަށް ގޮސްފައިވާ ކަމަށެވެ.