18 Apr 2013, 15:35
ފުލުހަކަށް ހަމަލާދިނުމުގެ ކުށުގައި ހަތަރު މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، 5000ރ. އިން ޖޫރިމަނާ ކުރި ތ. އަތޮޅު އެމްޑީޕީ ކައުންސިލަރު މައުމޫން ސުލައިމާންގެ ކައުންސިލް މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ތ. އަތޮޅު ކައުންސިލުން ގަރާރެއް ނެރެފި އެވެ.
ފުލުހަކަށް ހަމަލާދިންކަމުގެ ކުށް ސާބިތުވެ، ވިލުފުށީ ދާއިރާގެ ކައުންސިލަރު މައުމޫން ސުލައިމާން މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައި ވަނީ ކައުންސިލަރެއްގެ ޝަރުތު ގެއްލޭ ކަންތައްތަކުގެ ތެރޭގައި އެ ކައުންސިލަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވާ ނަމަ އޭނާގެ ކައުންސިލްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ 119 ވަނަ މާއްދާގައި ބުނެފައި ވަނީ މެންބައްގެ ކިބައިގައި ހުރުން ލާޒިމްކޮށްފައިވާ ސިފައެއް އުނިވެއްޖެ ނަމަ ކައުންސިލަރުކަމުން ވަކިވާނެ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ތ. އަތޮޅު ކައުންސިލުން ނެރުނު ގަރާރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ އަދަބު މައުމޫން ސުލައިމާންގެ މައްޗަށް ތަންފީޒުކޮށްފައި ވާތީ ކައުންސިލަރު ކަމުގެ ޝަރުތު އުނިވެފައިވާތީ އާއި ވިދިވިދިގެން ކައުންސިލުންގެ ހަތް ޖަލްސާއަށް ވުރެ ގިނަ ޖަލްސާ އަށް މަގުބޫލު އުޒުރެއް ނެތި އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ ސަބަބުތަކަށް ޓަކައި ކައުންސިލްގެ މެންބަރުކަމުން މައުމޫން ސުލައިމާން ވަކިވެފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ފަސް މެންބަރުން ސޮއިކޮށްފައިވާ ގަރާރުގައިބުނެ އެވެ.
މައުމޫން ސުލައިމާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހަބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް)އިން އަންގާފައިވާ ކަމަށް ތ. އަތޮޅު ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެ އެވެ.
އެލްޖީއޭގެ ނައިބު ރައީސް ސުޖާއު ހުސައިން ވިދާޅުވީ އަތޮޅު ކައުންސިލުން ފާސްކުރި ގަރާރު ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ލިބުމުން އިލެކްޝަންސް ކޮމިޝަނަށް އެ ގަރާރު ފޮނުވާނެ ކަމަށެވެ. އަދި ކައުންސިލަރެއްގެ ގޮނޑި ގެއްލުނުކަން ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ސުޖާއު ވިދާޅުވި އެވެ.
ސުޖާއޫ ވިދާޅުވީ މައުމޫން ސުލައިމާން ޖަލަށްލުމަށް ދަށު ކޯޓުން ހުރި ހުކުމް ހައި ކޯޓުގައި އިސްތިނާފުކޮށްފައިވާ ކަމަށާއި ނަމަވެސް އިޖުރާއީ ކަންތައްތަކެއް ކުރިމަތިވެގެން މައްސަލަ ހުއްޓިފައިވާ ކަމަށެވެ.
މައުމޫން ސުލައިމާންގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީންގެ ކޯޓުތަކުގައި ވަކާލާތު ކުރުމުން ސަސްޕެންޓްކޮށްފައި ވާތީ އޭނާއަށް ހައި ކޯޓުގެ ޝަރީއަތަށް ހާޒިރުވެވޭ ގޮތެއް ނުވެ އެވެ. އަދި ޝަރީއަތް ކުރިއަށް ނުގެންދެވި ވަނިކޮށް، މައުމޫން ސުލައިމާންގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ.