ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މަގާމު ތަކުގެ ތެރެއިން ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ ޕާޓީގެ ޕާލިމެންޓްރީގެ ގުރޫޕްގެ ލީޑަރު ކަމަށާއި ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށެވެ. މީގެ އިތުރުން ޕާލިމެންޓްރީގެ ގުރޫޕްގެ ވިޕުން މަގާމަށާއި ކައުންސިލަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން ކައުންސިލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޑީއާރްޕީގެ ޕާލިމެޓްރީ ގުރޫޕްގެ ލީޑަރެއްގެ ގޮތުގައި މި ވަގުތު ހުންނެވި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ. އަދި ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި މި ވަގުތު ހުންނެވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އެވެ. ވިޕުންގެ ގޮތުގައި ތިންބަވަނީ ދެ ބޭފުޅުންނެވެ. އެގޮތުން މިވަގުތު އެ މަގާމުގައި ތިއްބެވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ޑރ. އަބްދުﷲ މައުސޫމް އެވެ.

ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ ޕާލިމެންޓްރީ ގުރޫޕްގެ މަގާމް ތަކަށް ކުރުމަތިލުމުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށާއި އަދި އިންތިހާބް ބާއްވާނީ އެ ޕާޓީގެ ގައުމީ ޖަލްސާގައި ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ޑީއާރްޕީގެ ގައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށެވެ.