ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ރިޓަޔާޑް ޕަރްވޭޒް މުޝައްރަފު ހައްޔަރުކުރުމަށް އެގައުމުގެ ކޯޓަކުން އަމުރުކުރުމާ ގުޅިގެން އޭނާ ފިއްލަވައިފިއެވެ.

އިންޑިއާގެ އެންޑީޓީވީން ބުނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓެއްގައި މުޝައްރަފު ވަޑައިގެން ހުންނަވަނިކޮށް އޭނާ ހައްޔަރުކުރުމަށް އެކޯޓުން އަމުރު ކުރުމުން މުޝައްރަފުގެ ބޮޑީގާޑުން އަވަސް އަވަހަށް އޭނާ ނެރެގެން ބުލެޓްޕްރޫފް ކާރެއްގައި ކޮންތަނެއްކަން ނޭނގޭ ތަނަކަށް ގެންދިޔަ ކަމަށެވެ.

ޕާކިސްތާނުގެ ހައިކޯޓުން މުޝައްރަފު ހައްޔަރުކުރުމަށް އަމުރުކުރީ އޭނާގެ ވެރިކަމުގައި 2007 ވަނަ އަހަރު ފަނޑިޔާރުންތަކެއް މަގާމުން ދުރުކުރި މައްސަލައިގައެވެ.

ޕާކިސްތާނު ސިފައިންގެ ވެރިޔާގެ މަގާމުގައި ހުންނެވުމަށް ފަހު ބަޣާވާތަކުން އެގައުމުގެ ވެރިކަމަށް ވަޑައިގެންނެވި މުޝައްރަފު 2009 ވަނަ އަހަރު ވެރިކަމުން ، އަމިއްލަފުޅަށް އަރުވާލެއްވިގެން އޭނާ ދުރުކުރި ފަހުން އޭނާ ދިރިއުޅުއްވީ ސައުދީ އަރަބިއްޔާގައެވެ. މިދިޔަ މޭމަހުގެ 11 ވަނަ ދުވަހު އޭނާ ޕާކިސްތާނަށް އެނބުރި ވަޑައިގެންނެވީ އެގައުމުގައި މިއަހަރު ބާއްވާ އާއްމު އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

މުޝައްރަފު އެނބުރި ގައުމަށް ވަޑައިގެންނެވީ އޭނާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކާއި ހައްޔަރުކުރާނެ ކަމުގެ ބިރުވެސް އޮއްވައެވެ.