ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ރަހުމާ މޫސާ އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ރަހުމާ މިއަދު ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅީ ޕްރައިމަރީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް ބުނެ ޕީޕީއެމްގެ ގިނައަދަދެއްގެ އާންމު މެންބަރުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެދެމުންދާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ޕްރައިމަރީގައި ވޯޓު ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގައި އަމަލުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

ރަހުމާ ވިދާޅުވީ އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައި ނުވާ 8،915 މީހުންނަށް ޕްރައިމަރީގައި ވޯޓުލެވޭގޮތަށް ނިންމައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ދައުވާގައި ބުނެފައިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމުގެ ދަފްތަރުގައި މާޗް 10 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީކޮށްފައި ވަނީ 22،383 މެމްބަރުން ކަމަށާއި ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާ ނެރުއްވި ލިސްޓުގައި 31،298 މެމްބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށް ދައުވާގައި ބުނެފައިވާނެ ކަމަށް ވެސް ރަހުމާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުން ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވެސް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެއީ ޕާޓީގެ މެމްބަރުންގެ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ދައުވާގައި ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.