އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ބާރުގަދަ ވިހައެއް ކަމަށް "ރިސިން" އަޅާފައިވާ ސިޓީއެއް ފޮނުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މިސިސިޕީގެ އުމުރުން 45 އަހަރުގެ މީހެއް ކަމަށްވާ ޕޯލް ކެވިން ކާޓިސް އެވެ.

އެފްބީއައިން ބުނީ ހައްޔަރުކޮށްފައިވާ މީހާއަކީ އެ ސިޓީ ފޮނުވި މީހާކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށެވެ.

އޮބާމާގެ އިތުރުން، މިސިސިޕީ ދާއިރާގެ ސެނެޓާ ރޮޖާ ވިކާ އަށް ފޮނުވާފައިވާ ސިޓީއަކީ އޭޕްރިލް އަށް ވަނަ ދުވަހު ޓެނެސީގެ މެމްފިސްއިން ފޮނުވާފައިވާ ސިޓީތަކެކެވެ.

ސިޓީގައި ބުނެފައި ވަނީ އިންސާފުން ބޭރުން ކަންކަން ހިނގަމުންދާ ކަން އެނގި ބަލަން ތިބުމަކީ އަނިޔާވެރިކަމުގައި ބައިވެރިވުން ކަމަށެވެ. އަދި ސިޓީ ނިންމާލަމުން ބުނެފައި ވަނީ "އައި އެމް ކޭ.ސީ އެންޑް އައި އެޕްރޫވް ދިސް މެސެޖް" މިހެން ނެވެ.

އެފްބީއައިން ބުނީ މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން ސިޓީގައި އެކުލެވެނީ ވިހަ މާއްދާއެއް ކަމަށްވާ "ރިސިން" ކަން ކަށަވަރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޮބާމާ އަށް ފޮނުވި ސިޓީގައި އެކުލެވޭ ވިހަ އިތުރަށް ދެނެގަތުމަށް ތަހުލީލު ހަދަމުންދާ ކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް އެފްބީއައިން ބުނެ އެވެ.

މިމައްސަލަ އެފްބީއައިން ތަހުުގީގުކުރަމުންދާ އިރު، އެމެރިކާގެ ރައީސްގެ ހަށިފާރަވެރިން ކަމަށްވާ ސީކްރެޓް ސާވިސް އިން ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެފްބީއައިއާ އެކު މަސައްކަތްކުރަމުންދާ ކަަމަށެވެ.

ކެސްޓާ ބީންސްއިން ނެނގޭ ގުދުރަތީ މާއްދާއެއް ކަމަށްވާ ރިސިން އަދި ވަރުގަދަ ވިހައެއް ކަމަށްވާ ސައެނައިޑަށް ވުރެއް 1000 ގުނަ ބާރުގަދަ އަދި ނުރައްކާތެރި ވިހަ އެކެވެ. ހަށިގަނޑުގެ ތެރެއަށް މިވިހަ ވަންނަނީ ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ކެއުމުން ނެވެ. މީގެ އިތުރުން އިންޖެކްޝަންގެ ޒަރިއްޔާއިން ވެސް މިވިހަ ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވެ އެވެ.