18 Apr 2013, 12:58
ތަފާތު އެކި ޝަކުވާތަކާ ގުޅިގެން މައްސަލަ ބޮޑުވެފައިވާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ފޮނުވާލަން ނިންމައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބުދުﷲ ސައީދު މިއަދު ސަން އަށް ވިދާޅުވީ ގިނަ ބައެއްގެ ޝަކުވާއާ ގުޅިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރު ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އޭނާ ވަޒީފާ އަށް ނުކުތުން ހުއްޓާލާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ އެންމެ ބޮޑު ހޮސްޕިޓަލުގައި ހުރި ހަމައެކަނި ގައިނޮކޮލަޖިސްޓް ފޮނުވާލަން ނިންމި އިރު، އަންހެނުންގެ ޑޮކްޓަރެއް އެ ހޮސްޕިޓަލަށް ލިބެންދެން އެމަޖެންސީ ސިޒޭރިއަންއެއް ހަދަން ޖެހިއްޖެ ހާލަތެއްގައި ހިތަދޫގައި ހުންނަ އޭއެމްޑީސީ ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރުގެ ޚިދުމަތް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު އަދި ވިދާޅުވީ އެ ހޮސްޕިޓަލަށް އަންހެނުންގެ ހާއްސަ އިތުރު ޑޮކްޓަރަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ އެ ޑޮކްޓަރު ފޮނުވާލަން ނިންމާފައި ވަނީ އޭނާއާ ގުޅޭގޮތުން ޕޭޝަންޓުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ޝަކުވާ އިތުރުވެފައިވަނިކޮށެވެ. އެގޮތުން އެ ޑޮކްޓަރު ސިޒޭރިއަން ހެދި އަންހެނެއްގެ މައިނާރު ބުރިވެ އިމަޖެންސީގައި ވަނީ މާލެ ވެސް ގެނެސްފަ އެވެ. އަދި ސިޒޭރިއަން ހަދަން ޕޭޝަންޓުން ވެއްދުމަށް ފަހު 30 މިނެޓް ފަހުން ވެސް ޕޭޝަންޓަށް އެޓެންޑުވުމާއި ޑިއުޓީ އަށް ފަރުވާ ކުޑަވުމާއި ބަދުއަޚްލާގީ މައްސަލަތަކާއި މަސްތުވާތަކެތި ބޭނުންކުރުމާއި ގޭންގުތަކާ އެ ޑޮކްޓަރު ގުޅުން އޮންނަ ކަމުގެ ޝަކުވާތައް ވެސް ވަނީ އަންހެނުންގެ ޑޮކްޓަރާ ގުޅޭގޮތުން ފެންމަތިވެފަ އެވެ.
ގައިނީ ޑޮކްޓަރާ ގުޅޭ ގޮތުން ފެންމަތިވި ޝަކުވާތަކާ ގުޅިގެން އެ ޑޮކްޓަރު ފުރުވާލަން ނިންމިއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އާންމު ބަލިތަކާ ބެހޭ އިންޑިއާ ޑޮކްޓަރަކު ވަނީ އިއްޔެ އިސްތިއުފާދީފަ އެވެ. އަދި ހަމަ ފޭދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ، އާންމު ބަލިތަކާ ބެހޭ ޑޮކްޓަރަކު ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދީފަ އެވެ.