18 Apr 2013, 12:54
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ދައުވާކޮށްފައި ވަނީ ސ. ހިތަދޫ ޖަބުރޯލްމާގޭ އަހުމަދު ހަސަން ދީދީ އާއި ސ. ހިތަދޫ ސާދާގެ މޫސާ ފަތުހީގެ މައްޗަށެވެ.
ހިތަދޫ ކޯޓުގެ ހުކުމްގައި ބުނަނީ ދައުލަތުން ކުރި ދައުވާ އަށް އެ ދެ މީހުން އިންކާރުކޮށްފައިވާއިރު ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން މާރާމާރީ ހިންގި ކަމުގެ ކުށުގެ އެ ދެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ދައުލަތުން އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 8:50 ހާއިރު ސިޓީ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ފޯނެއްގައި މޭޔަރު އަބްދުﷲ ސޯދިގު ހުއްޓައި އިތުރުބަޔަކާ އެކު އެ ދެ މީހުން ގޮސް އޭނާ އާ މެދު މާރާމާރީ ހިންގައިފައިވާ ކަށް މޭޔަރު ވިދާޅުވެފައިވާ ކަމަށެވެ.
މޭޔަރު އެގޮތަށް ވިދާޅުވާއިރު ބަޔަކު ގޮސް މޭޔަރަށް ހަމަލާދިން މަންޒަރު ދުށްކަމަށް އާންމުންގެ ބަޔަކު ބުނާކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ. ނަމަވެސް މޭޔަރަށް ހަމަލާދިނީ ކޮންބައެއް ކަމެއް އާންމުންގެ މީހުންނަށް އެނިގައި ނުވާކަން ދައުވާގެ ޚުލާސާއިން އެނގެ އެވެ.