ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔަ ގޮތާ މެދު އިތުބާރު ނުކުރާ ކަމަށް ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހްމަދު ނަޖީބު މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު ބުނެފި އެވެ.

މުއްރަތު މިހެން ބުނީ އޭނާ މެރުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައެވެ.

ވަކީލެއްގެ ފުރުސަތަކަށް ކްރިމިނަލް ކޯޓުގައި އެދުނިންތޯ ފަނޑިޔާރުންގެ ބެންޗުން އެއްސެވުމުން މުއްރަތު ބުނީ ރަނގަޅަށް ޝަރީއަތް ކުރިއަށް ގެންގޮސްފާނެ ކަމަށް އޭރު ގަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން ވަކީލެއްގެ ފުރުސަތު ބޭނުން ނުކުރާ ކަމަށް ވެސް މުއްރަތު ބުންޏެވެ.

"އޭރު ގަބޫލެއް ނުކުރަން ޝަރީއަތް ރަނގަޅަށް ދާނެ ކަމަށް. ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުކުރަން،" މުއްރަތު ބުންޏެވެ.

އޭނާ ބުނީ ހައިކޯޓުގައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފަހު ކަމަށާއި ސަބަބަކީ މިހާރު ކޯޓު ވެސް ތަފާތުވެފައި ވުމުން ކަމަށެވެ.

އަމިއްލައަށް ވަކީލަކު ހަމަޖެއްސޭން ނެތްކަމަށާއި ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސާން ބޭނުންވާ ކަމަށް ވެސް މުއްރަތު ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވީ ދައުލަތުން ވެސް ބޭނުންވަނީ މުއްރަތަށް ވަކީލަކު ހަމަޖެއްސުމަށްފަހު ޝަރީއަތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ވަކީލަކު އައްޔަން ކުރަން ބޭނުންވާކަމަށް އެދި މުއްރަތު ޝަރީއަތަށް ދީފައިވާ ބަޔާން ބަންޑާރަ ނާއިބް އޮފީހަށް ފޮނުވައި އޭނާއަށް ވަކީލަކު ހަމަޖައްސައި ދިނުމަށް ކޯޓުން އެދޭނެ ކަމަށެވެ.

ނާޖީބު މަރާލައިފައި ވަނީ އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާއާ ދެމީހުން ބައިވެރިވެގެން އޭނާ މަސްރޫރާގޭތެރޭގެ ކޮޓަރިއަކަށް ވައްދައި އެތަނުގައި ހުރި ގޮނޑިއެއްގައި ބަނދެފައި ބައިންދައި ކަރަށް ވަޅި ހަރަ އެވެ.

މުއްރަތުގެ އިތުރުން ހަނާ މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.