18 Apr 2013, 12:34
ފުލަމްގެ ދަނޑުގައި އެކުލަބު އަތުން ތިނެއް ސުމަކުން މޮޅުވެ ޗެލްސީ އިނގިރޭސި ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ރޭގެ މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިން ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ އެކުލަބުގެ ފަހަތް ބަލަހައްޓާ ކުޅުންތެރިންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނިޓުގައި ޗެލްސީއަށް ފުލަމްގެ ގޯލް ހުޅުވާލަދިނީ ޑޭވިޑް ލުއިޒްއެވެ. ފުލަމް ހާފުގެ މެދުތެރޭގައި ހުރެގެން ޑޭވިޑް ލުއިޒް ފޮނުވާނީ ބާރު ހަމަލާގޮސް ވަނީ ފުލަމްގެ ގޯލްގެ މަތީ ކަނަށެވެ. އަދި އޭގެ 13 މިނިޓުފަހުން ހުއާން މާޓާ ފުލަމްގެ ޕެނަލްޓީއޭރިޔާތެރެއަށް ނަގައިދިން ހުރަހެއް ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ޗެލްސީގެ ކެޕްޓަން ޖޯން ޓެރީއެވެ. ޗެލްސީގެ ތިންވަނަ ލަނޑުވެސް 71 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޓެރީއެވެ.
ރޭގެ މެޗުން މޮޅުވުމުން ޗެލްސީއަށްވަނީ ހަތަރުވަނައިގައި އޮތް އާސެނަލްއަށްވުރެ އެއްމެޗު މަދުން ކުޅެ، އެއްޕޮއިންޓު އިތުރަށް ހޯދައިގެން ތާވަލުގެ ތިންވަނަ ހޯދާފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި 81 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް އޮތް އިރު ދެވަނައިގައި އޮތް މެނެޗެސްޓާ ސިޓީއަށް ލިބިފައިވަނީ 68 ޕޮއިންޓެވެ.