18 Apr 2013, 12:19
އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ހުރި ގަހުކާނާ އުފައްދާ ފެކްޓްރީއެއްގައި ވަރުގަ ގޮވުމެއް ގޮވައި ދެ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ސީއެންއެން ބުނީ ޓެކްސަސްގެ ކުޑަ ރަށެއް ކަމަށްވާ "ވެސްޓް" ގައި ހުރި ގަހުކާނާ އުފައްދާ ޕްލާންޓެއްގައި ވަރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން އެތައް ގެއެއް ބިމާ ހަމަވެ، ދެމީހުން މަރުވެފައިވާ ކަމަށެވެ. އަދި ބުނީ 2600 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި ހިނގި އެ ހާދިސާއާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ހީވީ ބޮޑު ނިއުކްލިއަ ބޮމެއް ގޮވިހެން، (ދުމުގެ) ބޮޑު މަޝްރޫމް ވިލާގަނޑެއް، އަނިޔާވެފައިވާ އެތައް ބަޔަކު އެބަތިބި، މާދަމާ ދިރިދުނިޔޭގައި ނުތިބޭނެ އެތައް ބަޔަކުވޭ،" ޕްލާންޓް ގޮވި ހާދިސާ ކިޔައިދެއްވަމުން ވެސްޓްގެ މޭޔަރު ޓޮމީ މުސްކާ ވިދާޅުވި ކަމަށް ސީއެންއެން ބުންޏެވެ.
މަރުވިމީހުންގެ އަދަދު 60 އާ 70 އާ ދެމެދުގެ އަދަދަކަށް މައްޗަށް ހިނގައިދާނެ ކަމަށް އަލިފާން ނިވާމީހުން ލަފާކުރާ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ސީއެންއެން ބުންޏެވެ.
އެ ހާދިސާގައި އެކިވަރުގެ ޒަހަމަތައް ވެގެން ހޮސްޕިޓަލުގައި 60 މީހުން އެޑްމިޓްކޮށްފައިވާ އިރު 10 ގެއެއް މުޅިން ބިމާ ހަމަވެ، 50 ގެއަކަށް ގެއްލުންތައް ލިބިފައި ވެއެވެ.
ގޮވުމުގެ ހާދިސާގައި ރޯވެފައިވާ އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން ދާއިރު، އެ ސަރަހައްދަށް ދާން އޮންނަ މަގުތައް ޓެކްސަސް ސްޓޭޓްގެ ސިފައިން ވަނީ ބަންދުކޮށްފަ އެވެ.