18 Apr 2013, 12:10
ޕާސްޕޯޓް ގެއްލިގެން ފުލުހުންނަށް ހުށަހަޅާ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ޕާސްޕޯޓަށް ފަރުވާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިމަހުގެ 16އާ ހަމައަށް ވެސް ޕާސްޕޯޓް ގެއްލިގެން ޖުމްލަ 276 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި މިމަހުގެ 16 އާ ހަމައަށް ވެސް 26 މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކަނި ވެސް 60 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު ޑިސެމްބަރު މަހު 60 މައްސަލަ އަދި މިއަހަރުގެ ޖެނުއަރީ މަހު 51 މައްސަލަ ފެބްރުއަރީ މަހު 44 މައްސަލަ އަދި މާޗް މަހު 61 މައްސަލަ ޕާސްޕޯޓް ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް ޕާސްޕޯޓް ގެއްލިފައި ވަނީ އެފަދަ ތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަކުރެވިގެން ކަމަށެވެ. އަދި ކްރައިމްއެއްގެ ތެރެއިން ޕާސްޕޯޓް ގެއްލިގެން ހުށަހަޅާފައި ވަނީ ވަރަށް މަދުން ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
"ޕާސްޕޯޓް ގެއްލިގެން އަޅުގަނޑުމެންނަށް ހުށަހަޅާފައިހުރި ގާތްގަނޑަކަށް 99 ޕަސެންޓަކީ އަމިއްލައަށް ފަރުވާ ކުޑަކަމުން ގެއްލިގެން ރިޕޯޓު ކޮށްފައިހުރި މައްސަލަތައް. އެންމެ ޕަސެންޓެއް މިއުޅެނީ ކްރައިމްއެއްގެ ތެރެއިން ޕާސްޕޯޓް ގެއްލިގެން ރިޕޯޓްކޮށްފައި،" ހަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ނިޝާންޖަހާފައިވާ އެފަދަ މުހިންމު ލިޔެކިޔުންތަކާ ދޭތެރޭ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފަރުވާ ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ގެންގުޅުމަށް ވެސް ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.