ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފު ހައްޔަރު ކުރާން މިއަދު އެ ގައުމުގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ސައުދީ އަރަބިއްޔާގައިި ހަތަރު އަހަރު ދިރިއުޅުއްވުމަށް ފަހު މުޝައްރަފު ޕާކިސްތާނަށް ވަޑައިގަތީ މިދިޔަ މަހުއެވެ. މުޝައްރަފް އެނބުރި ގައުމަށް ވަޑައިގަތީ މި އަންނަ މެއި މަހު އޮންނަ އާންމު އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.

މެއި މަހުގައި އޮންނަ އިންތިހާބުގައި މުޝައްރަފަށް ވާދަ ނުކުރެއްވޭނެ ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ މީޑިޔާއިން ބުނާ ގޮތުގައި މުޝައްރަފު ހައްޔަރު ކުރުމަށް ކޯޓުން އަމުރު ނެރެފައި ވަނީ މުޝައްރަފުގެ ވެރިކަމުގައި ހިންގަވައިފައި ވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ފަސާދައިގެ މައްސަލަތައް ކުރިޔަށް ގެންދާން ބޭނުން ވާތީ އާއި އެ މައްސަލަތައް ކުރިޔަށް ގެންދެވޭނީ މުޝައްރަފް ހައްޔަރު ކޮށްގެން ކަމަށް ބެލެވޭތީއެވެ.