މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން "ޕޯސްޓް ފޮޓޯ"ގެ ނަމުގައި ޕާސްޕޯޓް ސައިޒުގެ ޕޮޓޯ ނަގައިދިނުމުގެ ހިދުމަތް ފަށައިފި އެވެ.

ވެލާނގޭ ތިރީގައި ހުންނަ ޕޯސްޓް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ އެވެ.

"ޕޯސްޓް ފޮޓޯ"ގެ ނަމުގައި ފެށި އެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ކޮންޓުރޯލަރު ޑރ. މުހައްމަދު އަލީ ވިދާޅުވީ އިމިގްރޭޝަނުން ކުރާ މަސައްކަތެއް މިއަދު ޕޯސްޓް އޮފީހުން ފެށުމަކީ ވަރަށްބޮޑު ޝަރަފެއް ކަމަށާއި ކުރިއަށްއޮތް ތަނުގައި އިމިގްރޭޝަންގެ ގިނަ ހިދުމަތްތަކެއް ޕޯސްޓް އޮފީސް މެދުވެރިކޮށް ދޭނެ ކަމަށެވެ.

"މި ހިދުމަތް ފެށުމަކީ އަޅުގަނޑުމެނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް، ކައިރި މުސްތަގުބަލެއްގައި ގިނަ ހިދުމަތްތަކެއް ޕޯސްޓް މެދުވެރިކޮށް ދެވިގެންދާނެ، އޭރުން ރައްޔިތުނަށް ލުއިފަސޭހަވާނެ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އެ ހަފްލާ އަށް ފަހު ޕޯސްޓް ލިމިޓެޑްގެ އޮފިޝަލެއް ސަން އޮންލައިނަށް ވިދާޅުވީ މިއަދު ފެށި އެ ހިދުމަތުގެ ސަބަބުން ވެލާނާގޭ ތިރީގައި ހުންނަ ޕޯސްޓް އޮފީހުން ޕާސްޕޯޓް ސައިޒުގެ ޕޮޓޯ ނަގާދޭނެ ކަމަށާއި އަދި ވަރަށް އަވަހަށް ޕާސްޕޯޓް އަށް އެދޭ ފޯމް ފުރައިދިނުމުގެ ހިދުމަތް ވެސް ދޭނެ ކަމަށެވެ. އެތަނުން ޕާސްޕޯޓް ސައިޒުގެ ހަތަރު ފޮޓޯ ނަގައިދެނީ 35ރ. އަށެވެ. އަދި ވިދާޅުވީ ޖުލައި 20ގެ ނިޔަލަށް އެތަނުން ފޮޓޯ ނަގާފަރާތްތަކުގެ މެދުގައި ބާއްވާ ލަކީ ޑުރޯއަކުން ހޮވޭ ފަރާތަށް މާލެ ޗެންނާއީ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.