18 Apr 2013, 10:12
ވޮޝިންޓަން (އެޕްރީލް 18): އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ފޮނުވި ސިޓީއެއްގައި ވިހަ މާއްދާއެއް ކަމަށްވާ "ރިސިން" އެކުލެވޭކަން ކަށަވަރު ވެއްޖެވެ އެވެ.
މިކަން ކަށަވަރުކޮށްދެމުން އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިއްރު ޚިދްމަތްތަކާބެހޭ އިދާރާ ސިކްރެޓް ސާވިސް ޑިޕާޓްމަންޓުން ބުނީ ގޮތްނޭނގޭ ފަރާތަކުން އޮބާމާ އަށް ފޮނުވި ސިޓީއެއްގައި"ރިސިން" ހުރިކަން ކަށަވަރުވެފައިވާ ކަމުގަ އެވެ."ރިސިން"އަކީ އޭގެ ވަސްބަލައިފި ނަމަ ނުވަތަ އެ މާއްދާ ހަށިގަނޑުގެ ތެރެއަށް ގޮސްފި ނަމަ އެމީހަކު އެމީހަކު މަރުވާ ފަދަ ނުރައްކާތެރި ވިހައެކެވެ.
އޮބާމާ އަށް ފޮނުވާފައިވާ "ރިސިން" އެކުލެވޭ ސިޓީ، ވައިޓް ހައުސްއަށް ލިބުނު ކަމަށް ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެދުވަހު، އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ސެނެޓަރެއް ކަމަށްވާ ރޮޖަރ ވިކަރ އަށް ވެސް "ރިސިން" އަޅާފައިވާ ސިޓީއެއް ފޮނުވިކަން ތަހުގީގުތަކުން ހާމަވެފައިވާ ކަމަށް ޖިނާއީ ތަޙްގީގުތަކާ ބެހޭ އެމެރިކާގެ ފެޑްރަލް އިދާރާ (އެފްބީއައި) އިން ބުނެފައިވެ އެވެ.
މިދެސިޓީއާ ގުޅުން ހުރިކަމަށް ޝައްކުކުރެވިގެން އެމެރިކާގެ ފުލުހުންވަނީ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ތަޙްގީގުތަކާބެހޭ ގޮތުން އެފްބީއައި އިން ވަކިއެއްޗެއް ނުބުނެ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ސެނެޓްގެ ބައެއް އެހެން މެންބަރުންނަށް އެޑްރެސްކޮށްވެސް ސެނެޓްގެ އިދާރީ ބަޔަށް ދަނީ ސިޓީތަކެއް ލިބެމުންނެވެ.
ނަމަވެސް އިތުރު ސިޓީއަކުން އަދި "ރިސިން" ފެނިފައިނުވާ ކަމަށް ޚަބަރުލިބެ އެވެ. މިއާއެކު ވެސް މިފަދަ ސިޓީއެއްގައި "ރިސިން" ހުރެދާނެ ކަމަށް ބަލައި އެފްބީއައިގެ އެޖެންޓުން ވަނީ ސެނެޓްގެ އިދާރީ ދެޢިމާރާތެއް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
"ރިސިން" އެކުލެވޭ ދެ ސިޓީ އެއް ފެނުމާއި އެމެރިކާގެ ބޮސްޓަންގެ މެރަތަން ރޭހަށް އަމާޒުކޮށް މީގެ ދެތިން ދުވަސްކުރިން ދިން ބޮމުގެ ޙަމަލާތަކާ ގުޅުމެއް ނެތްކަމަށް އެފްބީއައިއިން ބުނެ އެވެ. އެހެންކަމުން އެމެރިކާގެ މަސްއޫލުވެރިންނަށް އެޑްރެސްކޮށް ފޮނުވާ ސިޓީތައް އަންނަ ތަންތަން ބެލުމަށާއި މިފަދަ ސިޓީތައް ފޮނުވާ ފަރާތްތަކަށް ފާރަލުމުގައި އެފްބީއައިގެ އެޖެންޓުން ވޮޝިންޓަން ގައި ޙަރަކާތްތެރިވަމުން ގެންދާ ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)