އޭއެފްސީ ކަޕްގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް ރާއްޖެއިން ބޭރުގައި ކުޅޭ ކޮންމެ ވެސް އެއް މެޗެއް ބަލައިލުމަށް ޓީމާއެކު ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ހުސްވި އަހަރު އެކުލަބުން ބޭއްވި ގޯލްޑް ނައިޓްގައި ހުޅުވައިލި ލަކީޑްރޯގައި ބައިވެރިވެގެން އެކުލަބާ އެކު ރާއްޖެއިން ބޭރަށް ދިއުމުގެ ނަސީބުވެރިއަކަށް ހޮވުނީ އެކުލަބުގެ އެކަޑަމީގެ ކުޅުންތެރިއެއް ކަމަށްވާ ގ. ސާމިޔާނާ އުތުރުބައި، މުހައްމަދު މާކިން އިބްރާހީމެވެ.

ނަސީބުވެރިޔަކަށް ހޮވުނު ފަރާތަށް ނިއުރޭޑިއެންޓް އަންނަ ހަފްތާގައި އޭއެފްސީ ކަޕްގައި ހޮންކޮންގެ ސަންހައިއާ ދެކޮޅަށް ކުޅޭ މެޗު ބަލައިލުމަށް ހޮންކޮންގަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. އެފްއޭއެމް ހައުސްގައި ނިއުއިން ރޭ ބޭއްވި އެ ލަކީޑްރޯގައި ބައިވެރިވި ބައިވެރިންގެ މެދުގައި ނެގި ގުރުއަތު ނަހައި ނަސީބުވެރިއަކަށް ހޮވުނު ފަރާތުގެ ނަން އިއުލާނު ކުރީ އެކުލަބުގެ މަޝްހޫރު ތަރި މުހައްމަދު އުމެއިރު އެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ނިއުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) އާއި އެ ކުލަބުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ބަލަކް ވިދާޅުވީ ނިއުއަށް 500ރ. އަށްވުރެ މަދުނޫން އަދަދެއް ކޮންޓްރިބިއުޓް ކޮށްގެން ބައިވެރިވެވޭ އެ ލަކީޑްރޯގައި މިފަހަރު ގިނައި ބައިވެރިވެފައި ވަނީ، ކުލަބުން ހިންގާ އެކަޑަމީގެ ބައިވެރިން ކަމަށެވެ.

"މީގަ މި ބައިވެރިވެވެނީ 500 ރުފިޔާއަށް ވުރެން މަދުނޫން އަދަދެއްގެ ކޮންޓްރިބުއުޝަނެއް ވެފައިވާ ފަރާތްތަކަށް. ދެން މިފަހަރުގެ ލަކީޑްރޯގައި ގިނަފަހަރު ބައިވެރުވުމުގެ ފުރުސަތު ލިބިފައި މި ވަނީ އިއްތިފާގުން ނަމަވެސް އެކަޑަމީގެ ބައިވެރިންނަށް. އެއީ ކޮންމެ މަހަކު 500 ރުފިޔާގެ ކޮންޓްރިބިއުޝަން ވަމުން އެގެން ދަނީ. ދެން މިހޮވިގެން ދިޔައީވެސް އެކަޑަމީ ކުއްޖެއްގެ ނަން. އަޅުގަނޑުމެން މިދެނީ އެންމެ ޖާގައެއް. ދެން އެ ކުއްޖާގެ ޕޭރެންޓް ނުވަތަ އެކުއްޖާ ބޭނުންވާ ފަރާތަކަށް ދަތުރުގައި ދެވޭނެ،" ބަލަކް ވިދާޅުވި އެވެ.

މިފަހަރުގެ ނަސީބުވެރިޔަކަށް ހޮވުނު ފަރާތައް ނިއުރޭޑިއެންޓް އެންމެ އަވަހަށް ރާއްޖެއިން ބޭރުގައި ކުޅޭ މެޗު ބަލާލުމަށްޓަކައި ކުލަބާއެކު ދިއުމުގެ ފުރުސަތު ލިބޭއިރު ކުލަބުގެ ކުޅުންތެރިންނެކޭ އެއްފަދައިން ކެއުމާއި ހުރުމުގެ ކަންތައްތައް ވެސް ހަމަޖެހިގެންދާނޭ ކަމަށް ބަލަކް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިމަހުގެ 21ގައި ފުރުމަށްފަހު 26ގައި އެނބުރި މިއަންނަނީ. އެހެންވީމާ ހަފްތާއެއް ވަންދެން އެންމެ ސަޕޯޓުކުރާ ޓީމިގެ ކުޅުންތެރިންނާއި އެއްކޮށް، އެއް ހޮޓަލެއްގައި، އެކައްޗެއް ކައިގެން. އެކައްޗެއް ލައިގެން ހަމަ ވަރަށް އުފާވެރި މާހައުލެއްގައި އުޅެން ލިބޭނޭ އޮޕޮޗުނިޓީއެއް،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަޕޯޓަރުންގެ ފަރާތުން އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިލެއްވި ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާ ކުރަށްވާ ކަމަށެވެ. އަދި ކުލަބުގެ މާކެޓިންގެ ގޮތުގައި ބޭއްވުނު އެ ލަކީޑްރޯއިން ރަނގަޅު މަންފާއެއް ކުލަބަށް ލިބޭނޭ ކަމަށެވެ.

"އަޅުގަނޑު އަންދާޒާ ކުރާގޮތުގައި މާކެޓިންގެ ގޮތުގައި އަޅުގަނޑުމެން މިބޭނުންކުރި ލަކީޑްރޯ މެދުވެރިކޮށް އަހަރު ނިމޭއިރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 2 ލައްކައެއްހައި ރުފިޔާ ކުލަބަށް ވަންނާނެ. އެހެން ކަމުން މިފުރުސަތުގައި އަޅުގަނޑުމެން ކުލަބުގެ ބޯޑުގެ މެންބަރުން މިކަހަލަ ކްރިއޭޓިވް އައިޑިއާސްތައް ގެނެސް އެކަން ކުރުމުގައި އުޅުއްވާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" ބަލަކް ވިދާޅުވި އެވެ.