މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް 10،000 ވޯޓު ލިބިއްޖެ ނަމަ ސިޔާސީ ކަންކަން ނޭނގެނީ ކަމަށް އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވާނެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން، ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކިތަންމެ ބޮޑު ކޯލިޝަނެއްގެ ތެރެއިން ރައީސް ވަހީދު އިންތިހާބަށް ވަޑައިގަތަސް "ބަޣާވާތެއް ކޮށްފައިވާ" މީހަކަށް ރައްޔިތުން ރުހުން ނުލިބޭނެ ކަމަށާއި ރިޔާސީ އިންތިހާބު ރައީސް ވަހީދަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

"ބަޣާވާތް ކުރި ހުރިހާ ބޭފުޅުން އެއްބައިވިއަސް ރައީސް ވަހީދަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެއްވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ކިތަންމެ ބޮޑު ކޯލިޝަނެއްގެ ތެރެއިން ވަޑައިގެންނެވި ނަމަވެސް. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި 10،000 ވޯޓު ލިބިވަޑައިގަތަސް އަޅުގަނޑަށް ސިޔާސީ ކަންކަން ނޭނގެނީ ކަމަށް ގަބޫލުކުރާނަން،"

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން އެމްޑީޕީ ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެކަމާ ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ގޮތްތައް އެބަ ފެނޭ. އެކަމަކީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" އެމްޑީޕީގެ އެންމެ އިސް ލީޑަރު، ނަޝީދު ވިދާޅުވި އެވެ.

ޕީޕިއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރާއި މެދު ޕީޕީއެމުން ފިޔަވަޅު އަޅުއްވަން ނިންމެވުމާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ އެއްވެސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ނިސްބަތްކޮށް އެ ޕާޓީގެ ތެރެއިން މީހަކު ފާޑުކިޔައިފި ނަމަ އެ މައްސަލައެއް ބަލައި އެކަން ކުރި މީހަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އޮތް އިރު ޑެންމާކު ސަރުކާރުން ރާއްޖެ އިން ދިނުމަށް ހަމަޖައްސާފައިވާ ދިހަ ބިލިއަން ރުފިޔާ އެހީ ހުއްޓިފައިވާ ކަމަށާއި ނަމަވެސް ނަމަވެސް އެ އެހީ ލިބޭނެ ގޮތަކާ މެދު ޑެންމާކު ސަރުކާރުގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ހަމަ އެހެންމެ އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނެ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ޑެންމާކް ސަރުކާރުން އެހީތެރި ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޔުނިވާސިޓީ އޮފް ކޯޕަންހޭގަންގައި ތަގްރީގު ކުރައްވާފައިވާއިރު ޑެންމާކް ސަރުކާރުގެ ބައެއް ވަޒީރުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ.