ހެލްތު ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން ސިވިލްސާވަންޓުންގެ ގޮތުގައި ހަމަޖެއްސުމާއި ގުޅިގެން ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އޮނިގަނޑު ސިވިލް ސާވިސްގެ އޮނިގަނޑާ އެއްގޮތަށް ބަދަލު ކުރުމުގެ ދިރާސާ މަސައްކަތް ކުރިއަށްދާ އިރު މިހާތަނަށް ފާހަގަ ކުރެވުނު ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދު ކުރުމުގެ މަޝްވަރާ ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހެލްތު ކޯޕަރޭޝަންތަކުގެ ހުރިހާ މުވައްޒަފުން ވަނީ ސިވިލް ސާވިސް އަށް ބަދަލުކޮށްފި އެވެ.

"ސަން" އަށް މިއަދު މައުލުމާތު ދެއްވަމުން އައިޖީއެމްއެޗުގެ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދު ކުރާއިރު އެއްވެސް މީހަކަށް ދެރަގޮތެއް ސަރުކާރުން ނުހަދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް މަގާމުތަކަށް ބަދަލު ތަކެއް ގެންނާނެ ކަމަށެވެ.

"މިހާތަނަށް ކުރެވުނު ދިރާސާއަށް މި އެނގުނީ އައިޖީއެމްއެޗްގައި މުވައްޒަފުން ތަންކޮޅެއް ގިނަކަން. ދެން މަދު ކުރުމުގެ ގޮތުން ވަޒީފާއިން ވަކި ކުރުމާއި، އެހެން ތަންތަނައް ޓްރާންސްފާ ކުރުމާއި މިއީ ތަފާތު ދެ ކަމެއް ދެއްތޯ. އަޅުގަނޑަކަށް ހީވަނީ ސަރުކާރުން އެހާ ބޮޑެތި ޑިޒިޝަންތައް ނަންގަވާއިރު ވަރަށް ބައްލަވާނެހެން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލްސާވަންޓުންގެ މަގާމުތަކާ ފުށުއަރާ މަގާމު ތަކެއް ކޯޕަރޭޝަންގެ ނަމުގައި ހޮސްޕިޓަލް ހިންގި އިރު އުފައްދާފައިވާ ކަމަށާއި އެ މަގާމު ތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. "ކުރީން ކުންފުނި ޒަމާނުގައި ހެދިފައިހުރި ބައެއް މަގާމުތައް އެބަހުރި މިހާރު މިސާލަކަށް، ވޯޑު މެނޭޖަރު، ނޫނީ ޗުއްޓީ މެނޭޖަރު، ޕްރޮޖެކްޓް މެނޭޖަރު. އެހެންވީމައި އެ މަގާމުތައް ސިވިލްސާވިސްގެ އޮނިގަނޑުގެ ތެރެއަށް ވައްދާނެ،"

އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުން ވެސް މިހާރު ތިބީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއަށް ފައްތާފައި ކަމަށެވެ. އެގޮތުން ސިވިލްސާވިސް މުވައްޒަފުންނަށް ލިބޭ ޗުއްޓީއާ އެހެނިހެން އިނާޔަތް ތަކުގެ އިތުރުން މުސާރަވެސް ލިބޭނެ ކަމަށެވެ. ނަމަވެސް މުވައްޒަފުންނާއި ގުޅޭ ހުރިހާ ކަމެއް އަދިވެސް މުޅީން ހަމަނުޖެހޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލްތު ކޯޕަރޭޝަންތަކުގެ ހުރިހާ މުވައްޒަފުން ސިވިލް ސާވިސް އަށް ބަދަލުވި ފަހުން ހަމަސް ފާއިތުވެގެން ދިޔަ އިރުވެސް ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އޮނިގަނޑު ސިވިލް ސާވިސްގެ އޮނިގަނޑާ އެއްގޮތަށް ބަދަލުކޮށްފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ހެލްތް ކޯޕަރޭޝަންތައް އުފައްދަވާ އެ ކޯޕަރޭޝަންގެ ދަށަށް އައިޖީއެމްއެޗް ބަދަލު ކޮށްފައި ވަނިކޮށް ހެލްތު ކޯޕަރޭޝަންތަކުގެ ހުރިހާ މުވައްޒަފުން އަނެއްކަ ސިވިލް ސާވިސް އަށް ބަދަލު ކުރާން ނިންމީ ޑރ. މުހައްމަދު ވަހީދުގެ ކެބިނެޓްގައި ހެލްތް މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ކެބިނެޓްގައި މަޝްވަރާ ކުރުމަށްފަހު އެވެ.