އެއްދުވަހަކު ހާދީ ބޭރުގައި އުޅެފައި އައިސް ގެއަށް ވަންއިރު އޭނާގެ އަންހެނުން ކަމަނަ ފެންނާކަށް ނެތެވެ. ހާދީ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ފެންވެސް ބޮވާފަ އެވެ.

ހާދީ: (އަޑަށް ބާރުލާފައި) ކަމަނާ!
ކަމަނަ: އޯއި
ހާދީ: ނިކަން އަވަހަށް މިކޮޅަށް އާދެބަލަ! (އައިސްބަލަ)
ކަމަނަ: (ހާދީގާތަށް އައިސް ހުއްޓެމުން ބާރަށް) ގެއަށް އަންނަގޮތަށް ކޮން ހަޅޭކެއްތަ ތިލަވަނީ.
ހާދީ: (ހިތްހަމަނުޖެހިފައި) ފިރިމީހާއާ ވާހަކަދައްކާނީ ތިހެން ރުޅިއައިސްފަކާ (ރުޅިއައިސްފައެއް) ނުނޭ. މަށާދިމާއަށް އައިސް ފުންމައިގަންނައިރު އަމިއްލަމީހާ (ތިމާ) ހުރި ސިފަ ދެކިބަލަ!
ކަމަނަ: ތީނައަކަށް (ކަލެއަކަށް/ ހާދީއަކަށް) ވެސް ނުޖެހޭނެ ތިފާޑަށް މަށާ ވާހަކަ ދައްކާކަށް ދޯ! ބޭކާރު އަނގަ ނުތަޅާ ބޭނުންވާކަމެއް ބުނޭ!
ހާދީ: އެހެންވިއްޔާމުން (އެހެންވިއްޔާ) ތީގެން (ތިއިން) ފޯއްކޮޅެއްް ދީފައި ނިކަން ދޭބަލަ (ގޮސްބަލަ!) މަަށަށް ފެންކޮޅެއް (ފެންފޮދެއް) ހިފައިން (ހިފައިގެން) އަންނަން.
ކަމަނަ: (ހިނގައިގަންނަމުން ކުދިކިޔާ ގޮތަށް) ހޫނ. ވަރަށް ފޫހިވޭ! ތާހިރު (ރީތި) ސިފައެއް ޖަހާނަމަ އަދި ކިހާ ފޮންޏެއްވީސް.
ހާދީ: (އަޑަށް ބާރުލާފަ) އޭ ކަމަނާ! އަދި އަންނައިރު މޭޒުމަތީގައި އިން (ހުރި) މަގޭ ދަބަސް ވެސް ގެންނާތި!


މިއަދުގެ ގިނަ ދިވެހިންނަށް ނޭނގިގެން، ނުވަތަ ފަރުވާކުޑަކުރުމުގެ ތެރެއިން ނަމަވެސް ކުށްބަސް ބޭނުންކުރުން މިވަނީ ވަރަށް ބޮޑަށް އާންމު ވެފަ އެވެ. މަތީގައި އޮތް ޚިޔާލީ ވާހަކަކޮޅަށް ބަލައިލާއިރު، ދަށު ރޮނގު ދަމާފައި ހުރި ބަސްތަކެއް ފާހަގަ ކުރެވޭނެ އެވެ. އެއީ މިޒަމާނުގައި އާންމު ގިނަ ދިވެހިން، މޮށެ އުޅުމުގައި ބޭނުންކޮށް އުޅޭ ކުށްބަސްތަކުގެ ތެރެއިން، ކޮންމެވެސް މިންވަރެކެވެ. ޖެހިގެން އޮތް ބުރެކެޓުގައި އެވަނީ ބަހުގެ ގަވާއިދާއި ހަމައިގައި އޮންނަން ކަނޑައަޅާފައިވާ ގޮތެވެ.

ދެކެވުނު ވާހަކައެއްގެ ތެރެއިން އެއްދުވަހަކު މީހަކު ބުނެފި އެވެ. ބަހެއްގެ ބޭނުމަކީ، ތިމާ ބުނަން ބޭނުންވާ އެއްޗެއް އަނެކާއަށް އަންގައިދިނުމެވެ. އެހެންވީމާ، ރައްދުވާ ފަރާތަށް ދޭހަވާގޮތަށް ބުނެދެވުނީމާ އެ އޮތީ ރަނގަޅަށެވެ. ކޮން ގަވާއިދެއް، ހަމައެއްހެއްޔެވެ؟

ރަނގަޅު ވާހަކައެކެވެ. އަތް ފައި ބުޅިކޮށް ވައްތަރު ޖައްސައިގެން ނަމަވެސް ތިމާގެ ޝުޢޫރު އަނެކާއަށް ފޯރުކޮށް ދެވުމުން އެހިނދަށް އެކަން އެ އޮތީ ނިމިފަ އެވެ. އެކަމަކާ ދެބަހެއް ނުވާނަމެވެ. އެހެންނަމަވެސް އެކަން އެ ކުރެވުނީ އެންމެ ރަނގަޅަށޭ ބުނާ ބުނުމާ އެއްބަހެއް ނުވެވޭނެވެ.

ބޭނުންހާ ބަދަލެއް ލަފުޒުތަކަށް ގެނެސްގެން، ހިތަށް އެރިގޮތަކަށް ބަސް ބޭނުންކުރުމަކީ، ދުނިޔޭގެ އެއްވެސް ބަހެއްގައި "ހުއްދަކުރާ" ކަމެއް ނޫނެވެ. މިއަދުގެ ދިވެހިންގެ ހިތުގައި އެންމެ ބޮޑު ގަދަރަކާއި އިހުތިރާމެއް ދެވިފައިވާ ބަހަކީ އިނގިރޭސި ބަހެވެ. އޭގެ ސަބަބުތައްވެސް ގިނަ އެވެ. ބުނަން މިއުޅެނީ އެވާހަކައެއް ނޫނެވެ. މި ބަހުގައި ވެސް އެމީހަކު ބޭނުން ގޮތަކަށް ބޭނުން ހަމައަކުން ވާހަކަ ދެއްކުމުގެ މިނިވަންކަން އޮވޭހެއްޔެވެ؟ ބުނަން ޖެހޭނީ ނޫނެކެވެ. ވީއިރު އަމިއްލަ ބަހާމެދު އެހާ ކަންފަސޭހަ ގޮތެއް ގެންގުޅެން ވިސްނަނީ ކީއްވެގެންބާވަ އެވެ؟

ގަބޫލުކުރަމެވެ. ގިނަ މީހުންނަށް ކުށްބަސް ބޭނުން ކުރެވެނީ އޭގެ ރަނގަޅުގޮތް ނޭނގޭތީ އެވެ. ގިނަ ފަހަރަށް ނޭނގޭކަންވެސް ނޭނގޭތީ އެވެ. އެހެންކަމުން ބަހަށް އަހުލުވެރި ވުމަށްޓަކައި، ބަހުގެ އަހުލުވެރިންނާ މަޝްވަރާކޮށް، ވާހަކަދެއްކުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނުވަތަ ބަހުގެ ގަވާއިދު ފޮތްތައް މުޠާލިޔާކޮށްލެވިދާނެ އެވެ. ފެންވަރު ރަނގަޅު ލިޔުންތައް ކިޔައި ހެދުމަކީވެސް ކުރެވިދާނެ ކަމެކެވެ. ހަމަ އެއާއެކު "އެނގޭ މީހުން ނޭނގޭ މީހުންނަށް" ބުނެދިނުމަކީވެސް އޮތް ކަމެކެވެ. އެނގޭމީހާ ބުނެދިނުމުން، ނޭނގޭ މީހާއަށް އޮތް ގޮތަކީ އެ ބުނި ބުނުމަށް އިހުތިރާމްކޮށް އެގޮތް ބަލައިގަތުމެވެ.

މިކަހަލަ ގޮތަކަށް މަސައްކަތް ކޮށްގެން ނޫނީ ކުށްބަހުން މޮށި އުޅޭ އުޅުމަށް ހައްލެއް އައުމަކީ ވާނޭ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑު ބިރަކީ މި މައްސަލަ މަޑުމަޑުން ނަމަވެސް ގޯހުން ގޯހަށް ދާކަމެވެ. ވަރަށް ފަހަކުން އިވެންފެށި ބަހެއްގެ ވާހަކަ ދަންނަވާލާނަމެވެ. "އަމިއްލަމީހާ" މިއީ "ތިމާ" ގެ ބަދަލުގައި މިއަދުގެ ގިނަ ކުދިން ބޭނުން ކުރަމުން، އާންމުވަމުން އަންނަ ބަހެކެވެ. މިދެލަފުޒަށް ވިސްނާއިރު ދުލަން ލުއިވެފައި، ކަންފަތަށް ފަސޭހައީވެސް "ތިމާ" އެވެ. އެހެންނަމަވެސް "ތިމާ" ދޫކޮށް "އަމިއްލަމީހާ" ގައި ހިފާ ކުދިންނާއި މީހުން އަންނަނީ ގިނަވަމުންނެވެ. ބޮލަށް އުނދަގޫވާފަދަ "ދޯ" އެއްވެސް މިއަދުގެ ދިވެހިންގެ ބަހުރުވައިގެ އެކުވެރިއަކަށް ވެއްޖެ އެވެ.

ތިމާގެ ދަރިއަކަށް އެންމެ ބޮޑު ލޯތްބަކާއި އަޅާލުމެއް ދޭނީ ތިމާއެވެ. ތިމާ ނުދިން ލޯތްބެއް އެހެންބަޔަކު ނުދޭނެ އެވެ.
ދިވެހިންގެ ބަހަކީ ދިވެހިންގެ އަމިއްލަ ބަހެވެ. އެބަހަށް ފަރުވާތެރިވެ، އަޅާލަން ތިބީވެސް ދިވެހިންނެވެ. ދިވެހި ބަހަށް ދިވެހިން ނުކުރި ލޯތްބެއް، ނުކުރި އިހުތިރާމެއް، ކުރާނެ ބަޔަކު މިދުނިޔޭގެ ބިމަކުން ނުފެންނާނެ އެވެ.